ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކަނޑައަޅުއްވައިފިއެވެ.

މީގެ ކުރީން ރައީސް، މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.

ނަމަވެސް ރައީސް މުޢިއްޒު ވަނީ އެކަމަށް ބަދަލުގެންނަވައި، އެ ދުވަސް ރަސްމީ ދުވަހެއްގޮތުގައި ހަމަޖައްސަވާފައެވެ.

ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ކޮންމެ އަހަރަކަށް ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ދައުރު ފެށޭ ދުވަހެވެ.

ރައީސް މުޢިއްޒު މިއަހަރު އިއްވަވާ ރިޔާސީ ބަޔާނަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

މި އަހަރުގެ މަޖިލީހުގެ ދައުރު ފަށައި، ރައީސްގެ ރިޔާސީ ބަޔާން އިއްވަވާ ދުވަހެއް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހެވެ.

ރިޔާސީ ބަޔާނަކީ ކޮންމެ އަހަރަކުމެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަަކައި ރައީސް އަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އިއްވަވާ ބަޔާނެކެވެ.