ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވޯޓުލާ މީހުން ރީ-ރަޖިސްޓްރީ ކުރަން ދިން މުއްދަތު އެ ޕާޓީން އިތުރުކޮށްފިއެވެ.

ފެބްރުއަރީ 3، ގައި ބާއްވާ އެމްޑީޕީ ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަން މުއްދަތު ހަމަވާން އޮތީ މިއަދުގެ ހަވީރު 4:00 ނިޔަލަށެވެ. ނަމަވެސް އެ ޕާޓީން ވަނީ އެ މުއްދަތު އިތުރުކޮށް, އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ރީ-ރަޖިސްޓްރޭޝަން މުއްދަތު ދަންމާލާފައެވެ.

ރާއްޖޭގެ އިންތިހާބުތަކުގައި އެންމެ ކާމިޔާބު ޓްރެކް ރެކޯޑެއް އޮތް އެމްޑީޕީން ވަނީ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީތައް ބާއްވާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ.

ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން 46 ދާއިރާއެއްގެ ޕްރައިމަރީއެއް ކުރިއަކަށް ނުގެންދާނެއެވެ. އެމްޑީޕީން އާންމުކުރި ޕްރައިމަރީ އޮންނަ ދާއިރާތަކުގެ ލިސްޓުގައިވާ ގޮތުން އެޕާޓީން ބާއްވާނީ 43 ދާއިރާގެ ޕްރައިމަރީއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އެހެންކަމުން އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ހަތަރު ދާއިރާއަކަށް ކުރިމަތިލާފައިނުވާ ކަމަށް ދައްކައެވެ.

ކެންޑިޑޭޓުން ކުރިމަތިލާފައިނުވާ ބައެއް ދާއިރާތަކަށް ކުރިމަތިލާނެ ކަމަށް ބައެއް އިސް ބޭފުޅުން މި ފަހުން ވިދާޅުވެފައި ވެސް ވެއެވެ. އެ ގޮތުން ކުރެންދޫ ދާއިރާއަށް، މިހާރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވާފައިވެއެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައިއެވެ. މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފަ އެވެ. މިއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.