ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމާއި ވަޒީފާ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދު އެކުލަވާލައިފި އެވެ.

އިއްޔެ ގެޒެޓްކުރި މި ގަވާއިދަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތުތަކާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްގު ލިއްބައިދިނުމަށް ޓަކައި އެކަމަށް މަގުފަހިކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ހައްގު ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

ވަޒީފާދިނުމުގައި މަސައްކަތުގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާއި މެދު ތަފާތުކުރުން ގެންގުޅުން މަނާކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތަކުން، އެފަރާތަށް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ޤާއިމްކޮށްދިނުމާއި، މަސައްކަތުގެ މާހައުލުގައި އެފަރާތްތައް ޝާމިލްކުރާނެ އުސޫލުތައް އެކުލަވާލުމަކީވެސް މި ގަވާއިދުގެ ބޭނުމެކެވެ.

މި ގަވާއިދުގައި ބުނާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއަށް އެދުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް، މަދުވެގެން 2 (ދޭއް) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ބައިތިއްބަންޖެހެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއެއްވެސް އެކުލަވާލަން ޖެހޭއިރު، މި ކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައި ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.