އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ފެށިގެން ބޮޑުކުރާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ”ރައީސްގެ ޖަވާބު“ ނަމުގައި ސަރުކާރުން ފަށާފައިވާ ސީރީޒްގެ ދަށުން، ފުވައްމުލަކު އަންހެނަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.
އެ ވައުދު ފުއްދާނެ ކަމަށާއި އެކަމަކު އިގުތިސޯދު ރަނގަޅުކުރުމަށް ކަންކަން ހުރުމުން މި އަހަރުގެ ބަޖެޓުގެ ތެރެއިން އެކަން ކުރުމަކީ ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އަންނަ އަހަރު އެ މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވިއެވެ.
”މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނަން. މި އަހަރު ވެސް މަސައްކަތްކުރެވިގެން ދަނީ. ވަރަށް އިސްކަންދޭ ކަމެއް އަޅުގަނޑުމެން.“ ރައީސް ވިދާޅުވި އެވެ.
އޭނާގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ޔަތީމު ކުދިން އަދި މުޖުތަމައުގައި ހަވާސާ ވެފައިވާ ކުދިންނަށް ކުރިއަށްވުރެ ބޮޑަށް މި ސަރުކާރުން ސަމާލުކަންދީ، އަޅާލުން ދޭނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދޭން ފެށި އެ އެލަވަންސަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ވެސް ބަދަލުތަކެއް ގެނަ އެވެ. އެގޮތުން ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1،000ރ.ގެ މަގުން މަހެއްގެ މައްޗަށް އެފަދަ އާއިލާއަކަށް ގިނަވެގެން 3،000ރ. ލިބެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު 10،000ރ. އަށް އިތުރުކުރި އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ.މުހައްމަދު މުއިޒު ވަނީ މިހާރު ދޭ ޖުމްލަ އަދަދު 12،000ރ. އާ ހަމައަށް އިތުރުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.
