ގދ. ވާދޫ ކައުންސިލްގެ ކައުންސިލަރުންނާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހެޅުމުން، އެ މައްސަލަތައް ބަލަމުންދާތީ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީން އެ ކައުންސިލަރުން ސަސްޕެންޑްކޮށްފިއެވެ.

އެލްޖީއޭއިން މިހާތަނަށް އެ ކައުންސިލުގެ ޖުމްލަ 27 މައްސަލައެއް ބަލާފައިވެއެވެ. 

އޭގެ ތެރޭގައި އަންހެނުންގެ ކޮމިޓީއަށް އިދާރީ އިންތިޒާމުތައް ހަމަޖައްސާފައި ނެތުމާއި، ކައުންސިލުގެ ބައްދަލުވުންތައް ނުބޭއްވުމާއި އުސޫލާ ޚިލާފަށް ހަރަދުކުރުމާއި، ފައިސާ ބަލައިގަތުން އަދި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ ހާޒިރީ ބަލަހައްޓާފައި ނެތުމާއި، އިދާރީ އޮނިގަނޑެއް އެކުލަވާލާ މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށްފައި ނެތް މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން، ކައުންސިލުގެ ރައީސް ކައުންސިލުގެ ތެރޭ ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ރައްޔިތުންނަށް މައުލޫމާތު ލީކުކުރުން، ރަށުގައި އުޅޭ ބިދޭސީންނަށް ބިރު ދެއްކުން އަދި މުވައްޒަފުންގެ އަގު ވެއްޓޭގޮތަށް ކެފޭތަކުގައި ވާހަކަދައްކާ މައްސަލައެއްވެސް ވަނީ ބަލާފައެވެ.

މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގައި އިދާރީ މުވައްޒަފުންނަށް ރުޅިބޭލުމާއި، ކައުންސިލަރުން މަސައްކަތުގެ މާހައުލުގައި ބޭއަދަބީ ބަހުން ޒުވާބު ކުރުމާއި، މާރާމާރީ ހިންގުން އަދި އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރާ މައްސަލަވެސް އެލްޖީއޭއިންވަނީ ބަލާފައެވެ.

ވާދޫ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުﷲ އާއި ވާދޫ ކައުންސިލުގެ މެންބަރު މުޙައްމަދު ޝިފާޤް ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. ކައުންސިލުގެ ނައިބްރައީސް ޙާޝިރު މުޙައްމަދާއި ކައުންސިލުގެ މެންބަރު ސާރާ މުޙައްމަދު ދެ މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާއިރު، ކައުންސިލުގެ މެންބަރު މާރިޔަތު އިބްރާހީމް ސަސްޕެންޑްކޮށްފައި ވަނީ އެއް މަސް ދުވަހަށެވެ.