މާޅޮސްމަޑުލުއުތުރުބުރީ ވާދޫ ސްކޫލް މުވައްޒަފުނަށް 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތު ފައިސާ އަދިވެސް ޖަމާނުވެ އޮތީ ޓެކްނިކަލް އެރަރ އަކުން ކަމަށް އެ ސްކޫލުގެ ޕުރީންސިޕަލް އިސްމާއިލް ނަސީރު ވިދާޅުވެއްޖެއެވެ.
އިސްމާއިލް ވިދާޅުވީ އެ ފައިސާ ޖަމާނުވެ އޮތީ ރ. އަތޮޅުގެ ފޯކަލް އިން ޓެކްނިކަލް އެރަރ އަކުން އިނާޔަތް ހިމެނިފައި ނުވާ ޝީޓެއް މިނިސްޓްރީއަށް ފޮނުވިގެން ކަމަށެވެ.
އަދި އެކަން ހައްލުކޮށް އިނާޔަތު ފައިސާ މުއައްޒަފުންނަށް ޖަމާކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިވަގުތު ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވާދޫ ސުކޫލުގެ ޕުރީންސިޕަލް އިސްމާއިލް އެކަން ހާމަކޮށް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000/- (ތިންހާސް) ރުފިޔާ ދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
