ރ. އަތޮޅަށް ހައްގުވަނީ ”ބޮނބިގަނޑެއް“ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ފައިނުގައި އެއާޕޯޓެއް އެޅުމަށް ސާރުކާރުން ނިންމި ނިންމުމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި މެމްބަރު ވިދާޅުވި ގޮތުގައި ރ. އަތޮޅުގެ އާބާދީއަކީ ރާއްޖޭގެ 3 ވަނައަށް އެންމެ ބޮޑު އާބާދީއެވެ. މާލެއަތޮޅު ނަގާފައި އެއް އަތޮޅެއްގައި އެންމެ ގިނަ ފަޅުރަށާއި ޤުދުރަތީ ވަސީލަތްތައް އޮތީ ރ.އަތޮޅުގައެވެ. ޚާއްޞަކޮށް އަތޮޅުގެ ދެކުނުގައެވެ.
މެމްބަރު ވިދާޅުވި ގޮތުގައި، މި އަތޮޅުގައި މިހާރުވެސް 17 ވަރަކަށް ރިސޯޓް އޮޕަރޭޝަނަށް ގެނެވިފައިވާއިރު، އިތުރު އެތައް ރިސޯޓެއް ހެދުމުގެ މަގުމަތީގައެވެ. ކައިރި މުސްތަޤްބަލެއްގައި މި ސަރަހައްދު ވާނީ ރާއްޖޭގެ އެންމެ ވަރުގަދަ އިގްތިސާދީ ސަރަހައްދަށެވެ.
މީގެ އިތުރުން ވިދާޅުވި ގޮތުގައި، ރ. އަތޮޅުގައި ރަނގަޅު ފެންވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މިއަތޮޅުގެ ރައްޔިތުންނާއި މި ސަރަހައްދުގައި ފަތުރުވެރިކަމަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުގެވެސް ވަރަށް ބޮޑު އެދުމެކެވެ. ކުޑަކުޑަ ޑޮމެސްޓިކް އެއާޕޯޓެއްގެ ބަދަލުގައި، ތަރައްޤީ ކުރާނޭ ޖާގައޮތް، ޖެޓް ޕާކިންއާއި އެއާޕޯޓާގުޅޭ އެހެނިހެން ފެސިލިޓީތަކާއި، ސީޕްލޭން އޮޕަރޭޝަންތަކަށްވެސް ޖާގަ އޮތް އެއާޕޯޓެކެވެ.
ފައިނުގެ އާބާދީ ކުޑަވުމުން، ބައެއް ބޭފުޅުންނަށް މި ރަށް ވަރަށް ބޮޑޭ ހީވިޔަސް، މިއީ އަސްލު އެހާ ބޮޑު ރަށެއްވެސް، އެހާ ދިގު ރަށެއްވެސް ނޫނެވެ. އަދި އިތުރަކަށް ހިއްކައި ބޮޑުކުރާނެ މާބޮޑު ފަޅެއްވެސް ނެތެވެ. ފަރުގެ އެތެރެއިން އެތެރެއަށް އެންމެ ދިގުކޮށްވެސް ނެގެން އޮތީ 1.4 ވަރަކަށް ކިލޯމީޓަރެވެ. މާނައަކީ އަދި މި ދިގަކަށް ރަންވޭއެއް ނުނެގޭނެކަމެވެ. އަދި މުސްތަޤްބަލުގައި އިތުރަށް ދިގުކުރެވޭކަށް ނުވެސް އޮންނާނެއެވެ.
އިންޓަނޭޝަނަލް އެއާޕޯޓެއްގެ ރަންވޭއެއް އެޅުމަށް މަދުވެގެން 2 ކިލޯމީޓަރާ 3 ކިލޯމީޓަރުގެ ދިގުމިނެއް ބޭނުންވާނެއެވެ. އަދި ޑޮމެސްޓިކް އެއާޕޯޓެއް ހަދާނަމަވެސް، މިހާރުގެ އެއާލައިންތަކުން މިބޭނުންކުރާ އޭޓީއާރް ފަދަ ބޯޓުތަކަށް އެކަށީގެންވާ ރަންވޭއެއް ހެދުމަށް ދޮޅުކިލޯމީޓަރަށްވުރެ ޖާގަ ކުޑަނޫން ދިގުމިނެއް ބޭނުންވާނެއެވެ.
މެމްބަރު ވިދާޅުވި ގޮތުގައި، ކޮންމެ ގޮތެއްވިޔަސް، ފައިނަކުން މިވަރުގެ ޖާގައެއް ނުނެގޭނެއެވެ. ފައިނުގައި ރ.އަތޮޅު ރައްޔިތުންގެ އުއްމީދުތަކާ އެއް ފެންވަރުގެ އެއާޕޯޓެއް ހަދައި ތަރައްޤީކުރެވޭނެ ޖާގައެއް ނެތެވެ. އެހެންކަމުން، ރަގަޅަށް މަޢުލޫމާތު އެއްކޮށްގެން، ވާނުވާ އޮޅުންފިލައިގެން މިކަމުގައި ވާހަކަ ދެއްކުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ހަސަންޓޭ ވިދާޅުވާހެން މިހާރު މިޒަމާނުގައި ދެން ރ. އަތޮޅަށް ހައްގުވަނީ “ބޮނބިގަނޑެއް” ނޫނެވެ.
ކަންމިހެން ހުރިއިރު، އަދި ވަކީން ޚާއްސަކޮށް ރަށާއި ކައިރި ރަށްރަށާއި އަތޮޅުގެ ރައްޔިތުންގެ ވިސްނުން އެކިގޮތަށް ކަފިކަފިވެފައި ވާއިރު، މިކަމުގެ ސާފު މައުލޫމާތު ފޯރުވައިނުދީ، އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކާއި ކައުންސިލަރުންނަށްވެސް، މިކަމުގެ އަސްލު ފަންނީ އެއްވެސް މައުލޫމާތެއް ނުދީ، މަޝްވަރާއެއް ނުހިންގައި، ހަމައެކަނި ކެމްޕޭނުތެރޭ ވާހަކައަކަށް މިކަން ހެއްދެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށް މެމްބަރު ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރަށެއް ނުވަތަ ސަރަހައްދެއްގައި ތަރައްޤީގެ މަޝްރޫޢެއް ހިންގުމުގެ ކުރިންވެސް، ކަނޑައެޅުމުގެ ކުރިންވެސް އެކަމަކާ ގުޅޭ ޕަބްލިކް ކޮންސަލްޓޭޝަން ހިންގުމާއި، ޚާއްޞަކޮށް އިންތިޚާބީ އޮފިޝަލުންނާ މަޝްވަރާ ހިންގުމަކީ ލާމަރުކަޒީ ޤާނޫނުގެ އިތުރުން، އަޅުގަނޑުމެން ބަލައިގެންފައިވާ ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމުގެ ވަރަށް އަސާސީ ކަމެކެވެ.
