ސަރުކާރަށް ކޮންޓްރެޓަރު ހުށަހަޅާ ބިލްތަކަށް ފައިސާ ނުދޭތީ، ރ. ވާދޫއާއި ރ. އަނގޮޅިތީމު، ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ.
މި ދެމަޝްރޫއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތަކެކެވެ. މިމަޝްރޫއުތައް ހިންގުމަށް ބަރާބަރަށް ފައިސާ ދޫކުރަމުންދަނިކޮށް، ވެރިކަން ބަދަލުވުމާ ހަމައިން، މަސައްކަތާ ހަވާލުވި ކޮންޓްރެކްޓަރާ ފައިސާ ލިބުމުގައި ދަތިތައް ކުރިމަތިވާން ފެށިއެވެ.
ނަން ހާމަކުނުކުރުމަށް ޝަރުތުކޮށް މައުލޫމާތު އެނގޭ ފަރާތަކުން ރ. ވާދޫ ލައިވްއަށް ކަށަވަރުކޮށްދިން ގޮތުގައި، ސަރުކާރުން ދަނީ ކޮންޓެކްޓަރު ހުށަހަޅާ ބިލްތަކަށް ފައިސާ ނުދީ އަޅައިނުލާ ދޫކޮށްލަމުންނެވެ. ނަމަވެސް، އެއީ ކޮން ސަބަބަކާ ހުރެކަން ސާފެއް ނޫނެވެ.
މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ސިޔާސަތަކީ ބޮޑެތި އާބާދީތަކަށް އިސްކަންދީގެން މަޝްރޫއުތައް ހިންގައި، ކުދި އާބާދީތައް އެސްފަސްކުރުމުގެ ސިޔާސަތެކެވެ. މިސަރުކާރު އައިފަހުން ރަށްރަށުގައި ހިނގަމުންދިޔަ މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައިވާކަމުގެ ޝަކުވާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
ރ. ވާދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން:
ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫޢުއަކީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ ގުޅިގެން ކުރިއަށް ގެންދާ މަޝަރޫޢުއެކެވެ. މި މަސައްކަތް އެ ކުންފުނިތަކަށް ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގެ، ފަރާތުންނެވެ.
މި މަސައްކަތަށް 19،274،086 (ނަވާރަ މިލިއަން ދުއިސައްތަ ހަތްދިހަ ހަތަރު ހާސް އަށްޑިހަ ރުފިޔާ) ޚަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.
މި މަޝްރޫއުގެ ދަށުން، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާ ކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމްކުރުން އަދި އާރއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުން އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ 12 ޖޫން 2019ގައި އެކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ.
Leave a Reply