މިއަދު ހަވީރު 4:30 އިން ފެށިގެން ދޮޅު ގަޑިއިރަށް ރ. ވާދޫއިން ކަރަންޓު ކަނޑާލާނެކަން ރ. ވާދޫ ފެނަކަ ގޮފިން ރައްޔިތުންނަށް އަންގައިފިއެވެ.
ރ. ވާދޫ ފެނަކަ ގޮފިން ބުނީ އިންޖީނުގޭގައި ހިނގަމުންދާ ޖަނަރޭޓަރުގެ އަޑީތެޔޮ ބަދަލުކުރުމަށް، ޖަނެރޭޓަރު ނިއްވާލަންޖެހޭތީ މިއަދުގެ 16:30 އިން 18:00 އަށް މުޅި ރަށުން ކަރަންޓު ކަނޑާލާނެ ކަމަށެވެ.
އިތުރު ތަފުސީލެއް ވާދޫ ފެނަކަ ގޮފިން ހާމަކޮށްފައި ނުވެއެވެ.
ވާދޫ އިންޖީނުގޭގައި މިވަގުތު ހިންގަމުން ދަނީ ހަމައެކަނި އެންމެ ޖަނަރޭޓަރެކެވެ. އެއީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މިރަށަށް ފޮނުވާފައިވާ ޖަނެރޭޓަރެކެވެ.
ވާދޫ އިންޖީނުގޭގައި ބެކަޕް ޖަނެރޭޓަރެއް ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އިތުރު ޖަނަރޭޓަރުތައް ހުރި ނަމަވެސް އެ ޖަނަރޭޓަރުތައް ހަލާކުވެފައި ހުންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ.
