ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރަމުންދިޔަ އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.
އޭނާ ފެނިފައި ވަނީ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޮޅުވެއްޓީގެ ދަށުން ކަޑުގެ އަޑީގައި އޮއްވައެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ ބިދޭސީއެކެވެ.
އެމްއެންޑީއެފްއިން ބުނީ ކޯސްޓުގާޑުގެ ޑައިވަރުންނަށް އޭނާ ފެނުނުއިރު ޚަބަރުހުސްވެފައިވާ ކަމަށެވެ. އޭނާގެ ހަރަކާތެއް ނެތް ކަމަށާއި ވަގުތުން ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ފެށި ކަމަށެވެ.
އެ މީހާ މަރުވެފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް ކާށިދޫ ސިއްހީ މަރުކަޒުން ރ. ވާދ ޫލައިވްއަށް ބުނީ، ޕޭޝަންޓް މަރުވި ކަމަށް ޑިކްލެއަރކޮށްފައި ނުވާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނެފައި ވަނީ، ބަންޑުން ޖަހާލީ ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ”ލިއޯ ޕާލް“ ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެއް ކަމަށެވެ.
މި ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތްތެރިވެފައެވެ.
ކޮޅުވެއްޓީގައި ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައިވެއެވެ.
ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާ ހަރަކާތްތެރިވެފައިވެއެވެ.