ހަ ރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކައުންސިލަރުން އައްޔަންކުރުމަށް ބޭއްވި ބައި އިލެކްޝަނުގައި ހަތަރު ރަށެއްގެ ބައި-އިލެކްޝަން ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބައިި-އިލެކްޝަންތައް ބާއްވާފައިވަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ރ. އިންނަމާދޫ، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިޚާބުވެފައިވަނީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި މުޙައްމަދު ޢާޒިމް ޢަލީއެވެ.
މި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ވަނީ ހއ. އުތީމު ކައުންސިލް މެންބަރުކަމުގެ ގޮނޑި އާއި ނ. ވެލިދޫ ކައުންސިލް މެންރުކަމުގެ ގޮނޑީގެ އިތުރުން ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބުކޮށްފައެވެ.
ޕީއެންސީން ވާދަކޮށް ބައި-އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓުންނަކީ:
- ހއ. އުތީމު ކައުންސިލްގެ މެންބަރުކަމަށް، އިބްރާހީމް ސުނާން
- ނ. ވެލިދޫ ކައުންސިލްގެ މެންބަރުކަމަށް، ޢަބްދުﷲ އަބްދުއްރައްޒާޤު
- ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެބަރުކަމަށް، ސަމީނާ މުޙައްމަދު
- ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް، ޢާއިޝަތު ސަމްހާ
މި ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ނ. ލަންދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑިއެވެ. ޕީއެންސީގެ ކެނޑިޑޭޓާ ވާދަކޮށް އެގޮނޑިއަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފްއެވެ.
