މާޅޮސްމަޑުލު އުތުރުބުރީ ވާދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތީގެ ތެރެއިން ގޯތި ލިބޭ މީހުންގެ ގޯތީގެ ގުރުނެގުމަށް ވާދޫ ޔޫތު ސެންޓަރުގައި ރަސްމިއްޔާތެއް ބާއްވަން ނިންމައިފިއެވެ.

ގޯތީގެ ގުރުނެގުން 2024 މެއި 9ވާ ބުރާސްފަތި ދުވަހު 13:00ގައި ވާދޫ ޔޫތު ސެންޓަރުގައި އޮންނާނެ ކަމަށް ގޯތި ލިބޭ ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ވާދޫ ކައުންސިލް އިދާރާއިން ފޮނުވި ސުލިޕްގައި ވަނީ ބުނެފައެވެ.

ގުރުއަތުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދޭ ކަމަށާއި ބަދަލުގައި ބޭފުޅަކު ހަމަޖައްސަވާނަމަ، އެ ފަރާތުގެ މައުލޫމާތު ހިމެނޭ ގޯތި ލިބޭ ފަރާތުގެ ސިޓީއަކާއި އެކު ވަޑައިގެންނެވުމުން ގުރުއަތުގައި ބައިވެރިކުރެވޭނެ ކަމަށް ވެސް ވާދޫ ކައުންސިލުން ބުނެއެވެ.

ވާދޫއިން ދިރިއުޅުމަށްޓަކައި ވާދޫ ކައުންސިލުން ދޫކުރުމަށް ކަނޑައަޅާފައި ވަނީ 2000 އަކަފޫޓުގެ 59 ބަންޑާރަ ގޯއްޗެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައި ވަނީ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބެލުމަށް ފަހު މި މަހުގެ 5 ވަނަ ދުވަހުގެ 13:36ގައެވެ.

  • ވާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 59 ބަންޑާރަ ގޯއްޗަށް ޖުމުލަ 111 މީހުން ވަނީ ކުރިމަތިލާފައިވެއެވެ.