ރ. ވާދޫގައި އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިތޯ ބެލުމަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.

އެ ކައުންސިލްގެ އިދާރާއިން ގެޒެޓުގައި އާންމުކުރި އިޢުލާނެއްގައި ބުނީ، ވާދޫއިން ގޯތި ދޫކުރާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާތީ، ރަށުގެ އުތުރުކޮޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ހުރި ސަރަހައްދު (މާޒިން އަދި ސަނަމްގެ އުތުރުން އޮތް ހުސްބިން) އަދި ދެކުނުކޮޅުން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ތެރެއިން (އާލަމް ގޯއްޗާއި ގަބުރުސްތާނާ ދެމެދު އޮތް ހުސްބިމާއި މަގުތަކުގައި) އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިތޯ ބެލުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން، ސަރަހައްދުތަކުގައި އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިނަމަ، 2024 މެއި 22 ވާ ބުދަ ދުވަހުގެ ކުރިން އެކަން އެ އިދާރާއަށް އެންގުމަށް ކަައުންސިލްގެ އިޢުލާންގައި އެދިފައިވެއެވެ.

އިތުރަށް ބުނީ، މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހަޅާފައިނުވާނަމަ، އެސަރަހައްދުތަކުގައި އިތުރަށް ބަދަލުދޭންޖެހޭ ރުއްގަހެއް ނެތްކަމަށް ބަލާ އެމައްސަލަ ނިންމާނެ ކަމަށެވެ.