ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށްޓާ 234 ކިލޯމީޓަރު ދުރުން ކަނޑުގެ ސަރަހައްދަށް ބިންހެލުމެއް އައިސްފިއެވެ.

4.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކޮށްފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ރ. އަތޮޅުން ބަލާ ނަމަ ވެރިކަންކުރާ ރަށް އުނގޫފާރާ 273 ކިލޯމީޓަރު ދުރަށެވެ.

ބިންހެލުން އައިސްފައިވަނީ ކަނޑުގެ ސަތަހައިން 10 ކިލޯމީޓަރު އަޑިންނެވެ.

އެ އިދާރާއިން ބުނީ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ލޮޅުމުގެ އަސަރެއް ކުރި ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

މި ދުވަސްވަރު ރާއްޖެއަށް ހުޅަނގުމޫސުމުގެ ބާރުގަދަވެ މޫސުމީ ވިއްސާރަވެސް ދަނީ ކުރަމުންނެވެ. މި ދުވަސްވަރު ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި ވަޔާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.