ރ. އުނގޫފާރުގައި ކަރަންޓު ޖެހުނު ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި، އިތުރު ފަރުވާ ދިނުމަށް މާލެ ގެނައި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
”ރ. ވާދޫ ލައިވް“ އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އުމުރުން 18 އަހަރުގެ އެ ފިރިހެން ކުއްޖާއަށް މިހާރު ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.
މި ހާދިސާގައި ކަރަންޓުގައި ޖެހުނީ ދެ ކުދިންނެވެ. އެއީ ކުޑަކުއްޖަކާއި 18 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ކުޑަކުއްޖާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް – ޔޫއާރްއެޗްގައި ފަރުވާދީ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ދޫކޮށްލާފައެވެ.
ބޮޑުވަރުވީ ޒުވާނާއަށް ފުރަތަމަ އެހީގެ ގޮތުން ސީޕީއާރް ދިނުމަށްފަހު އޭނާގެ ހިތް މަސައްކަތްކުރާ ގޮތްވީ ވެސް ބައިގަޑިއިރުފަހުންނެވެ. ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް އޭނާއަށް ފަރުވާ ދެމުން އައީ ޔޫއާރްއެޗްގެ އައިސީޔޫގައެވެ.
އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ ހޮނިހިރު ދުވަހުއެވެ.
ހާދިސާގެ ފަސް ފަހަތް:
އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ރ. ވާދޫ ލައިވްއަށް ވިދާޅުވީ މި ހާދިސާއާ ގުޅިގެން ތިން ކުއްޖަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ ކުދިން އެ ހޮސްޕިޓަލަށް ގެންދިޔައީ އެ ދުވަހުގެ މެންދުރު ފަހު 1:40 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަންޓުގައި ޖެހެން މެދުވެރިވީ މަގު ބައްތީގެ ހޮޅިން ކަމަށްވެއެވެ. ވިއްސާރަވެގެން ބައްތިން ކަރަންޓު ދޫވެފައި ހުރީ އެ ސަރަހައްދުގައި އޮތް ފެންގަނޑަށެވެ.
ކަރަންޓުގައި ޖެހިގެން ފަރުވާދީފައި ވަނީ 18 އަހަރުގެ ޒުވާނާގެ އިތުރުން ކުޑަކުއްޖަކަށެވެ. އަދި އެ މަންޒަރު ފެނި ހެއަށްގޮތްވި ކުއްޖަކަށްވެސް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. މީގެ ތެރެއިން 18 އަހަރުގެ ޒުވާނާ ފިޔަވައި ދެން ތިބި ކުދިން ފަރުވާއަށް ފަހު ވަނީ ޑިސްޗާޖުކޮށްލާފައެވެ.