ރ. އަތޮޅަކީ ކުށްމަދު އަމާން އަދި ހޭލުންތެރި ބަޔަކު ދިރިއުޅޭ އަތޮޅަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން، ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން ބުނީ ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުއްސަސާތަކުގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުގެ މުވައްޒަފުންނާއި ޑިޕާޓްމަންޓް އޮފް ޖުވެނިއަލް ޖަސްޓިސްގެ މުވައްޒަފުން ކަމަށެވެ.
އެގޮތުން، ބެލެނިވެރިކަމުގެ ހުނަރުތައް، ކުޑަކުދިންގެ އަދުލުގެ ނިޒާމް އަދި ރުޖޫއީ އިންސާފާއި ޑައިވަރޝަން ފަދަ މައުލޫތަކާ ގުޅޭގޮތުން ބެލެނިވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް މައުލޫމާތުދޭނެ ކަމަށް ފުލުުހުން ހާމަކުރެއެވެ.
މީގެ އިތުުރުން، ފުލުހުން ބުނީ ސްކޫލު ދަރިވަރުން ޑިސިޕްލިންވުމަށް ބޭނުންވާ ހުނަރުތަކާއި ދަރިވަރުންނާ ގުޅުންހުރި އެހެނިހެން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ރ. އަތޮޅު ފުލުހުންނާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ކައުންސިލުތައް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަންތައް މެއި 25 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައި ވަނީ އުނގޫފާރުގައެވެ.
މަޑުއްވަރި އަދި އިނގުރައިދޫގައި ވެސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިއަދުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ އިންނަމާދޫގައެވެ.
ފުލުހުން ބުނީ މާދަމާގެ ސެޝަންތައް ދުވާފަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަތޮޅުގެ އިތުރު ރަށްރަށުގައި ވެސް މި އަހަރުގެ ތެރޭގައި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
