މިމަހުގެ ހަވަނަ ދުވަހަކީ ރ. އަތޮޅަށް ކަޅު ދުވަހެކެވެ. އަތޮޅާއި ގައުމަށް އެތައް ޚިދުމަތްތަކެއް ކުރެއްވި ޚިދުމަތްތެރިއަކު މިދުނިޔެ ދޫކުރެއްވި ދުވަހެވެ. ރ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަލް އުސްތާޛް ސަޢުދު އިބްރާހިމް ނިޔާވިތާ އެއް ދުވަސް ފަހުން، އޭނާ ކުރެއްވި ޚިދުމަތްތަކުގެ ޒިކުރާ އާކުރެއްވީ ދަރިކަލުން، ހުސައިން ނާސިފް ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓަކުންނެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ނާސިފް ލިޔުއްވާފައިވާ ގޮތުގައި އަލްމަރްހޫމް އަލް އުސްތާޛް ސަޢުދު އިބްރާހިމްގެ ވާހަކަ ދައްކަންޖެހެނީ އޭނާގެ ބައްޕައަށް ވީމައެއް ނޫނެވެ.

ސަރުކާރުގެ އެންމެ މަތީ ލެވެލްގައި ދަޢުލަތަށް (40) ސާޅީހަށްވުރެ ގިނަ އަހަރު އިހްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވީމައެވެ.

މަރްހޫމް އުސްތާޛް ސަޢުދު އިބްރާހިމްވަނީ އެސިސްޓެންޓް އެޓާނީ ޖެނެރަލް ކަމާއި ރައްޔިތުންގެ މަޖިލީހުގައި 15 އަހަރު ރ.އަތޮޅުގެ މެމްބަރުކަމާއި ޕޮލިސް އިންޓަރ ގްރިޓީގެ މެމްބަރުކަމާއި 11 އަހަރު ރ.އަތޮޅުގެ އަތޮޅުވެރިކަމާއި އިތުރު 3 އަތޮޅެއްގެ އަތޮޅުވެރިކަމާއި އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ކަމާއި ޑިރެކްޓަރ ޖެނެރަލް ކަމާއި ކޯޓް ނަމްބަރު 1،2،3،4،5،6،8 އަދި އިތުރު އެހެން ކޯޓްތަކުގެ އިސް ގާޒީ ކަމާއި ވަކީލު ކަމުގެ އިތުރުންވެސް ސަރުކާރުގެ އިސްމަގާމްތަކެއް ފުރުއްވާ ދަޢުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

އުސްތާޛް ސައުދު އިބްރާޙީމް މިދުނިޔެއާ ވަކިވެ ދިއުމުން އޭނާއަށް ހެޔޮ ދުއާކުރެއްވި ބޭފުޅުންނާއި ޖަނާޒާގައި ބައިވެރިވެލެއްވި ބޭފުޅުންނާއި އެކި ގޮތް ގޮތަށް ނާސިފްއާއި އާއީލާއަށް ހަމްދަރުދީގެ މެސެޖްތައް ފޮނުއްވި އެންމެހައި ބޭފުޅުންނަށް އޭނާއާއި އާއިލާގެ ނަމުގައި ނާސިފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

”ސަޢުދު އިބްރާހިމް (ބައްޕަ) ގެ ފުރާނަ ނެތް ހަށިގަނޑު ފަސްއަޅާ ފޮރުވުނަސް ބައްޕަ ކުރެއްވި އަގު ނުކުރެވޭ ވަރުގެ ޚިދުމަތްތަކާއި މަސައްކަތްތައް ފަސްއަޅާ ނުފޮރުވޭނެއެވެ.“ ނާސިފް ލިޔުއްވާފައިވެއެވެ.