އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުގައި، ކައުންސިލް އިމާރާތްތައް އަޅާ 50 ރަށުގެ ލިސްޓު ސިޓީތަކާ އިދާތީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވުޒާރާއިން އިޢުލާނުކުރައްވަފިއެވެ.
މި ރަށްތަށް ކަނޑައަޅާފައިވަނީ ކައުންސިލްތަކުގެ ޙާލަތާއި ޖާގައާއި ޚިދުމަތުގައި ހަރަކާތްތެރިވާ މިންވަރަށް ބަލާ ކަނޑައާޅާފައިވާ ވަކި މިންގަނޑަކަށް ބަލައިގެންނެވެ.
ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ މަޝްރޫޢުގައި 50 ރަށް ކަނޑައެޅުމުގައި، 2023 އަދި 2024 ވަނަ އަހަރު ޕީއެސްއަޕީ ބަޖެޓުގައި، ކައުންސިލް އިމާރާތް އެޅުމަށް ހިމަނާފައިވާ ރަށްތައް ނުހިމަނާކަމަށެވެ. އެއީ އެ މަޝްރޫޢުތަކަކީ މިހާރުވެސް އެކި މަރުޚާލާގައި މަސައްކަތް ކުރިއަށްދާ ރަށްތައްކަމަށްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ޕްރޮޖެކްޓް ހިންގުމަށް އެންމެ އެކަށީގެންވާ ރަށްތައް ކަނޑައެޅުމުގައި ވަރަށް ތަފްސީލުކޮށް މަޢުލޫމާތު ނަގާ، ބަލާފައިވާނެކަމަށެވެ. މި މަޢުލޫމާތުތައް އެއްކުރިއިރު، ރާއްޖޭގައި ކައުންސިލް އާ އިމާރާތް އެޅުމަށް ކޮންމެހެން ބޭނުންޖެހިފައިވާ 102 ރަށް ފާހަގަކުރެވިފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެތެރެއިން މިއަހަރު އަޅާ 50 އިމާރާތް ކަނޑައަޅާފައިވަނީ، އިމާރާތުގެ ޙާލަތު އެންމެ ދަށްކޮށް ހުރި ރަށްތައް ބެލުމަށްފަހުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އިމާރާތަށް ވީ މުއްދަތާ، މަރާމާތުކުރަންޖެހޭ މިންވަރާ، ޖާގައާއި އަދި ސްޓޯރޫމާއި، ފާޚަނަ އަދި ނަމާދު ކޮޓަރ ފަދަ ޖާގަތައް ހުރި މިންވަރު ވަނީ ބަލާފައެވެ. އަދި ރަށު އޮފީހުގެ އިމާރާތުގައި ޕޮލިސް ޑެސްކާއި ކޯޓުގެ ޚިދުމަތް ޤާއިމުކޮށްފައިވޭތޯ ވަނީ ބަލާފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލް އިދާރާ އަޅަން ސަރުކާރުން ކަނޑައެޅި 50 ރަށަކީ، ހއ. ވަށަފަރު، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ށ. ފޭދޫ، ށ. ކޮމަންޑޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ނ. ހެނބަދޫ، ނ. ޅޮހި، ނ. ފޮއްދޫ، ނ. މަނަދޫ، ނ. މަގޫދޫ، ނ. ލަންދޫ، ރ. ވާދޫ، ރ. ހުޅުދުއްފާރު، ބ ކަމަދޫ، ބ. ކުޑަރިކިލު، ބ. ފެހެންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ކިހާދޫ، ޅ. ކުރެންދޫ، ކ. ހިންމަފުށީ، ކ. ކާށިދޫ، ކ. ގާފަރު، ކ. ގުރައިދޫ، ކ. ތުލުސްދޫ، އދ. ކުނބުރުދޫ، އދ. މަހިބަދޫ، އދ. ފެންފުށި، މ. މުލައް، މ. ދިއްގަރު، މ. މުލި، ފ. ފީއަލި، ދ. ހުޅުދެލި، ދ. ބަނޑިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. ބުރުނި، ތ. ގުރައިދޫ، ތ. ވޭމަންޑޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. މާވަށް، ގއ. މާމެންދޫ، ގއ. ނިލަންދޫ އަދި ގދ. މަޑަވެއްޔެވެ.
މިއީ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ހިންގާ މަޝްރޫއެއް ނޫނެވެ. މި މަޝްރޫއު ހިންގަނީ ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގަ އެވެ.
ރައީސްގެ ވައުދާ އެއްގޮތަށް ކައުންސިލް އިދާރާތައް އިމާރާތްކުރާނެ 50 ރަށް ކަނޑައެޅުމުގައި ހާއްސަ މިންގަނޑަކަށް ބެލި އެވެ. އެއީ ރަށުގެ އާބާދީ، ކައުންސިލުގެ ވަސީލަތް އަދި މިހާރު އިމާރާތް ހުރި ހާލަތަށެވެ. އަދި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާ ޖާގައަށެވެ. ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭ އިން ދެމުން އަންނަ ކަންގަތި އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް ވެސް އިސްކަންދިނެވެ.
Leave a Reply