ރާއްޖޭގައި މިފަހަރު އެންމެ ކުލަގަދަކޮށް ބޮޑު ޢީދު ފާހަގަކުރާ ރަށުގެ ޝަރަފު ހޯދުމަށް ރ. އުނގޫފާރު ތައްޔާރުވެއްޖެއެވެ.
މިއަހަރު ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ސަރުކާރުން ކަނޑައެޅި ތިން ރަށުގެ ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ހިމަނާފައި ވަނީ ރާއްޖޭގެ އުތުރުން ޢީދު ފާހަގަކުރަން ހޮވުނު ރަށުގެ ގޮތުގައެވެ.
ގައުމީ ފެންވަރުގައި އުނގޫފާރުގައި ޢީދު ފާހަގަކުރަން ފާއިތުވި ދެ އަހަރުވެސް ކަމާ ގުޅުންހުރި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅި ކަމަށް އުނގޫފާރު ކައުންސިލުން ބުނެއެވެ.
ޢީދު ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުނގޫފާރުގެ ފަރާތުން އެ ކައުންސިލްގެ ރައީސް، އަބްދުﷲ ރަޝީދު ވިދާޅުވީ، މިފަހަރަކީ އުނގޫފާރުން ޕްރޮޕޯސަލް ހުށަހެޅި ފުރަތަމަ ފަހަރު ނޫން ކަމަށާއި އެ ރަށުގައި މީގެ ކުރީ އަހަރުތަކުގައި ފާހަގަކޮށްފައިވާ ޢީދުތަކުގެ ފޮޓޯއާއި ވީޑިއޯ ހިމެނޭހެން ތަފުސީލީ ޕްރޮޕޯސަލެއް ފާއިތުވި ދެ އަހަރުވެސް ހުށަހެޅި ކަމަށެވެ.
ނަމަވެސް 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު އެ ފުރުސަތު ނުލިބުނުކަން ފާހަގަކުރައްވައި އުނގޫފާރު ކައުންސިލްގެ ރައީސް ވަނީ މިފަހަރު އެ ރަށުގައި ޢީދު ފާހަގަކުރުމަށް ނިންމެވި ކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި ސަޤާފީ ގޮތެއްގައި ޢީދު ފާހަގަކުރުމަށް އުނގޫފާރު އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެ ރަށަކީ މެހެމާނުންނަށް ކަމޭ ހިތާ، މެހެމާނުންނާއި ރަށުގެ އަހުލުވެރިންނަށްވެސް އެންމެ ރައްކާތެރި އެއް މަންޒިލުކަން ފާހަގަކުރައްވައި އުނގޫފާރު ކައުންސިލްގެ ރައީސް ވަނީ ދިވެހި ރައްޔިތުންނަށް އެ ރަށުގައި ކުޅޭ ޢީދު ކުޅިވަރުތައް ބަލާލުމަށް އެ ރަށަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު ދެއްވާފައެވެ.
އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ފުރުސަތު ހަމަވިއިރު 26 ވަނީ ރަށަކުން ޕްރޮޕޯސަލް ހުށަހެޅިކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރަން ކަނޑައަޅާފައިވަނީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މެދުތެރޭ އަތޮޅުތަކުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ.
1445 ވަނަ އަހަރުގެ ބޮޑު ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދީފައި ވަނީ އެ ކަމަށް އެކުލަވާލި ޚާއްޞަ ކޮމިޓީއަކުންނެވެ. މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 16 ވަނަ ދުވަހެވެ.
