ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހުގައި ޢަރަފާތުގައި މުސްލިމުންނާއި މުޚާޠަބުކޮށްދެއްވި ޚުޠްބާ

”ހަމަކަށަވަރުން މިއަދާއި މި މަހާއި މި ރަށް ޙުރްމަތްރެރިވެގެންވާފަދައިން، ތިޔަބައިމީހުންގެ ލެޔާއި މުދާތަކާއި (ޞަޙީހް މުސްލިމްގެ ރިވާޔަތުގައި އިތުރަށް ވެއެވެ. “އަބުރުތަކާއި”) ވަނީ ތިޔަބައިމީހުންގެ މައްޗަށް  ޙުރުމަތްތެރިވެގެންނެވެ.

ދަންނާށެވެ! ޖާހިލިއްޔަ ޒަމާނާއި ގުޅިގެންވާ ހުރިހާ ކަމެއް ވަނީ ތިމަންކަލޭގެފާނުގެ ފައިންޕުޅުދަށުގައެވެ. (އެބަހީ: އެއީ ބާޠިލްވެގެންވާ ކަންކަމެވެ.) ޖާހިލިއްޔަ ޒަމާނުގެ ލޭ(ގެ ދިޔަ) ވަނީ ބާޠިލްވެގެންނެވެ. އަދި ހަމަކަށަވަރުން އެންމެ ފުރަތަމަ ތިމަންކަލޭގެފާނު ބާޠިލްކުރައްވާނެ ލޭ(ގެދިޔަ)އަކީ ބަނީ ސަޢުދު ޤަބީލާގައި ރަޟާޢަތުގައި (އެބަހީ: ކުޑައިރު ކިރުދިނުމަށް ގެންގުޅުމުގައި) ވަނިކޮށް ހުޛައިލު ޤަތުލުކުރި ރަބީޢާ ބުން އަލްޙާރިޘްގެ ދަރިފުޅުގެ ލޭ(ގެދިޔަ)އެވެ.

އަދި ޖާހިލިއްޔަތުގެ ރިބާ ވަނީ ބާޠިލްވެގެންނެވެ. އަދި ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ބާޠިލް ކުރައްވާނީ ތިމަންކަލޭގެފާނުމެންގެ ރިބާ، ޢައްބާސް ބުން ޢަބްދުލްމުއްޠަލިބްގެ ރިބާއެވެ. ފަހެ، އެހުރިހާ އެއްޗެއްވަނީ ބާޠިލްވެގެންނެވެ.!

ފަހެ، އަންހެނުންނާއި މެދު ތިޔަބައިމީހުން ﷲއަށް ބިރުވެތިވާށެވެ! ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން އެކަނބަލުން ލިބިގަންފައިވަނީ ﷲގެ އަމާނާތްތެރިކަމާއި އެކުގައެވެ. އަދި ތިޔަބައިމީހުން އެކަނބަލުންގެ ފަރުޖުތައް ޙަލާލްކޮށްފައިވަނީ ﷲގެ ކަލިމަފުޅުންނެވެ. އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަށްޓަކައި ވާ ޙައްޤެއްގެގޮތުގައި ތިޔަބައިމީހުންގެ އެނދަށް (އެބަހީ:ގެއަށް) ތިޔަބައިމީހުން ނުރުހޭ މީހަކު ނުވެއްދުންވެއެވެ. ފަހެ، އެކަނބަލުން އެހެން ކަންތައްކޮށްފިނަމަ (އިސްވެދިޔަ ޙައްޤަށް އަރައިގެންފިނަމަ) ފަހެ ތިޔަބައިމީހުން އެކަނބަލުން ގައިގާ ގެއްލުން ނުވާގޮތަށް ޖަހާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް އެކަނބަލުންނަށް ހެޔޮގޮތުގައި ކާންދިނުމާއި އަންނައުނު ދިނުންވެއެވެ.

އަދި ތިމަން ކަލޭގެފާނު ހަމަކަށަވަރުން ތިޔަބައިމީހުންނަށް ދޫކޮށްފައި މިދަނީ އެއެއްޗެއްގައި ހިފަހައްޓައިފިއްޔާ ދުވަހަކުވެސް މަގު ގެއްލިގެން ނުދާނެ އެއްޗެކެވެ. (އެއީ) ﷲގެ ފޮތެވެ.“

އަދި ތިޔަބައިމީހުންނާއި ތިމަންކަލޭގެފާނާއި ބެހޭގޮތުން (ޤިޔާމަތްދުވަހުން) ސުވާލު ކުރެވޭނެއެވެ. ފަހެ، ތިޔަބައިމީހުން ބުނާނީ ކީކޭ ހެއްޔެވެ؟

އެމީހުން (އަޑުއަހަށް ތިބި މީސްތަކުން) ބުންޏެވެ. “އަހަރެމެން ކަލޭގެފާނު ރިސާލަތު ފޯރުކޮށްދެއްވި ކަމަށާއި، ނަބީކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ކަމަށާއި ނަޞީޙަތް ދެއްވިކަމަށް ހެކިވަމެވެ.” ދެން އެކަލޭގެފާނު ޝަހާދަތް އިނގިލިފުޅު އުޑާއި ދިމާލަން އުފުއްލަވައި އަދި މީސްތަކުންނާއި ދިމާލަށް އިޝާރާތް ކުރައްވާ ޙަދީޘް ކުރެއްވިއެވެ.

”އޭ ﷲ! (މިކަމަށް) ހެކިވެވޮޑިގަންނަވާށެވެ! އޭ ﷲ! (މިކަމަށް) ހެކިވެވޮޑިގަންނަވާށެވެ!” މިހެން ތިން ފަހަރު ވިދާޅުވިއެވެ.”

(ޞަޙީޙް މުސްލިމް)

ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ﷲގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޢަރަފާތުގައި ކަންފަތް ކެނޑިފައިވާ ޖަމަލެއްގެ މަތީގައި އިންނަވައިގެން ޙަދީޘް ކުރެއްވިއެވެ.

”މިއީ ކޮން ދުވަހެއްކަން، ކޮން މަހެއްކަން، ކޮން ރަށެއްކަން ތަޔަބައިމީހުންނަށް އެނގޭތޯއެވެ؟“

އެބައިމީހުން ދެންނެވިއެވެ. މިއީ ޙުރުމަތްތެރިވެގެންވާ ރަށެކެވެ. ޙުރުމަތްތެރިވެގެންވާ މަހެކެވެ. އަދި ޙުރުމަތްތެރިވެގެންވާ ދުވަހެކެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

”ދަންނާށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދާތަކާއި އަދި ލޭވަނީ ތިޔަބައިމީހުންގެ މައްޗަށް ޙަރާމްވެގެންނެވެ. އެއީ ތިޔަބައިމީހުންގެ މިމަހުސް ޙުރުމަތްތެރިވެގެންވާ ފަދައިންނެވެ. އަދި ޙުރުމަތްތެރިވެގެންވާ މިރަށާއި މި ދުވަސް ޙުރުމަތްތެރި ވެގެންވާ ފަދައިންނެވެ. ދަންނާށެވެ! އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނު ޙައުޟުގައި ތިޔަބައިމީހުން އާދޭތޯ އަވަސްވެވަޑައިގަނެގެންވަމެވެ. އަދި އުއްމަތްތަކުގެ ތެރެއިން އެންމެ ގިނަ މީސްތަކުންވަނީ ތިޔަބައިމީހުންގެ ތެރެއިން ކަމަށް ވާދަކުރައްވަމެވެ. ފަހެ ތިމަންކަލޭގެފާނު ލަދުގަންނަވާނެގޮތަށް ތިޔަބައިމީހުން ކަންތައް ނުކުރައްވާހުށި ކަމެވެ. ( އެބަހީ ޢަދަދުގެ ގޮތުން މިއުއްމަތް މަދުވުމުގެ ސަބަބުން)  ދަންނާށެވެ! ތިމަންކަލޭގެފާނު މީސްތަކެއް ސަލާމަތް ކުރަމެވެ. އަދި ތިމަންކަލޭގެފާނު ކިބައިން މީސްތަކެއް ސަލާމަތްވެގެންވާނެއެވެ. ފަހެ ތިމަންކަލޭގެފާނު ދަންނަވާނަމެވެ. އޭ ރައްބެވެ! (އެއީ) ތިމަންކަލޭގެފާނުގެ ޞަޙާބީންކޮޅެވެ؟ ފަހެ، އެކަލާނގެ ވަޙީކުރައްވާނެއެވެ. “ހަމަކަށަވަރުން ކަލޭގެފާނުގެ ފަހުން އެބައިމީހުން އަލަށް (ދީނުގެ) ތެރެއަށް އުފެއްދި ކަންތައްތައް ކަލޭގެފާނަކަށް ނޭނގެއެވެ.”

(ސުނަން އިބްން މާޖާ)

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް މިއާޔަތް ބާވައިލެއްވުނީ ޢަރަފާތު ދުވަހުއެވެ. އެއާޔަތަކީ:

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ

މިއަދު، ތިޔަބައިމީހުންގެ ދީނާމެދު (އެބަހީ: އެ ދީނަށް ގެއްލުމެއް ދެވިދާނެ ކަމާމެދު) ކާފަރުން، ނާއުއްމީދު ވެއްޖެއެވެ. ފަހެ، އެއުރެންދެކެ ތިޔަބައިމީހުން ބިރު ނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.

 

ޢީދު ދުވަހު އެކަލޭގެފާނު ދެއްވި ޚުޠްބާއިން:

قال جابر – رَضِيَ اللهُ عَنْهُ -: رأيت النبي صَلَّى اللهُ عَلَيْهِ وَسَلَّمَ  يرمي على راحلته يوم النحر ويقول: «لتأخذوا مناسككم فإني لا أدري لعلِّي لا أحُجُّ بعد حجتي هذه»

ޖާބިރު رَضِيَ اللهُ عَنْهُ ރިވާކުރެއްވިއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޢީދު ދުވަހު އެކަލޭގެފާނު ސަވާރީގައި ހިލަ އުއްކަވަމުން ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު ދެކުނީމެވެ.

“(މިއީ) ތިޔަބައިމީހުންގެ (ޙައްޖުގެ) މަނާސިކުތައް ތިޔަބައިމީހުން (ތިމަންކަލޭގަފާނުގެ ނަމޫނާއިން) ނެގުމަށެވެ. ފަހެ، ތިމަންކަލޭގެފާނަކަށް ނޭނގެއެވެ. ފަހަރެއްގައި ތިމަންކެލޭގަފާނުގެ މިޙައްޖުގެ ފަހުން ދެން ޙައްޖެއް ތިމަންކަލޭގެފާނަކަށް ނުވެވިދާނެއެވެ.”

(ޞަޙީޙް މުސްލިމް 1297)

عَنْ سُلَيْمَانَ بْنِ عَمْرِو بْنِ الأَحْوَصِ، عَنْ أَبِيهِ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي حَجَّةِ الوَدَاعِ لِلنَّاسِ: «أَيُّ يَوْمٍ هَذَا؟» قَالُوا: يَوْمُ الحَجِّ الأَكْبَرِ، قَالَ: «فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ بَيْنَكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا فِي بَلَدِكُمْ هَذَا، أَلَا لَا يَجْنِي جَانٍ إِلَّا عَلَى نَفْسِهِ، أَلَا لَا يَجْنِي جَانٍ عَلَى وَلَدِهِ وَلَا مَوْلُودٌ عَلَى وَالِدِهِ، أَلَا وَإِنَّ الشَّيْطَانَ  قَدْ أَيِسَ مِنْ أَنْ يُعْبَدَ فِي بِلَادِكُمْ هَذِهِ أَبَدًا وَلَكِنْ سَتَكُونُ لَهُ طَاعَةٌ فِيمَا تَحْتَقِرُونَ مِنْ أَعْمَالِكُمْ فَسَيَرْضَى بِهِ»

ސުލައިމާން ބުން ޢަމްރޫ رَضِيَ اللهُ عَنْهُ އެކަލޭގެފާނުގެ ބައްޕަ އަރިހުން ރިވާކުރުރެއްވިއެވެ. ﷲގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙައްޖަތުލްވަދާޢުގައި ވިދާޅުވާތީ ތިމަންކަލޭގެފާނު އެއްސެވީމެވެ.

“މިއީ ކޮން ދުވަހެއް ހެއްޔެވެ؟

އެބޭކަލުން ދެންނެވިއެވެ. “މިއީ ޙައްޖުލްއަކްބަރު ގެ ދުވަހެވެ.” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

“ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި، މުދާތަކާއި އަނބުރުތައް ވަނީ ތިޔަބައިމީހުންގެ މިދުވަސް ތިޔަބައިމީހުންގެ މިރަށުގައި ޙުރުމަތްރެރިވެގެންވާފަދައިން ޙުރުމަތްތެރިވެ ޙަރާމްވެގެންނެވެ. ދަންނާށެވެ! ނުބައި ކަމެއްކުރާ މީހާ އެކަމެއް އެކުރަނީ އެމީހާގެ ނަފްސުގެ މައްޗަށެވެ. ދަންނާށެވެ! މީހަކު އެމީހެއްގެ ދަރިއަކު އެކަމަށް ޒިންމާވާނެ ނުބައި ކަމެއް ނުކުރާނެތެވެ. އަދި މީހަކު އެމީހެއްގެ ބައްޕަ އެކަމަށް ޒިންމާވާފަދަ ނުބައި ކަމެއް ނުކުރާނެތެވެ. ދަންނާށެވެ! އަދި ހަމަކަށަވަރުން ޝައިޠާނާވަނީ ތޔަބައިމީހުންގެ މި ރަށްތަކުގައި (އޭނާއާށް) ދުވަހަކުވެސް އަޅުކަންވެވޭނެކަމުގެ އުއްމީދު ކަނޑާލާފައެވެ. އަދި ނަމަވެސް، އޭނާއަށް (ބަޔަކު) ތިޔަބައިމީހުން އެއީ ކުދި ޢަމަލުތަކެއްކަމާއިމެދު ބަލާ ޢަމަލުތަކެއްގައި ކިޔަމަންވާނެއެވެ. އަދި އެކަމަށް އޭނާވާނީ ރުހިގެންނެވެ.“

(ސުނަން އައްތިރްމިޒީ ޝައިޚް އަލްބާނީ ޞައްޙަ ކުރައްވާފައި)

فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَوْلًا كَثِيرًا، ثُمَّ سَمِعْتُهُ يَقُولُ: «إِنْ أُمِّرَ عَلَيْكُمْ عَبْدٌ مُجَدَّعٌ – حَسِبْتُهَا قَالَتْ – أَسْوَدُ، يَقُودُكُمْ بِكِتَابِ اللهِ تَعَالَى، فَاسْمَعُوا لَهُ وَأَطِيعُوا»

ޙައްޖަތުލްވަދާޢުގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޖަމްރަތުލް ޢަޤަބާ ހިލަ އުއްކަވާފައި ޖަމަލުގައި ވަޑައިގަންނަވަމުން، ﷲގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިކަމަށް އުއްމުލްޙުޞައިން ރިވާކުރެއްވިއެވެ.

“ތިޔަބައިމީހުންގެ މައްޗަށް އެއްބައި ގުނަވަން މަދު ނުވަތަ ކަޅު އަޅަކު، ﷲގެ ފޮތުގެ މައްޗަށް ބިނާކޮށް ވެރިކަން ކުރަން އިސްކުރެވިއްޖެނަމަ، ފަހެ ތިޔަބައިމީހުން އަޑުއަހާށެވެ އަދި ކިޔަމަންވާށެވެ.!”

(ޞަޙީޙް މުސްލިމް 1298)

عَنْ أَبِي بَكْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: «إِنَّ الزَّمَانَ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللهُ السَّمَوَاتِ وَالْأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلَاثَةٌ مُتَوَالِيَاتٌ: ذُو الْقَعْدَةِ، وَذُو الْحِجَّةِ، وَالْمُحَرَّمُ، وَرَجَبٌ شَهْرُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ»، ثُمَّ قَالَ: «أَيُّ شَهْرٍ هَذَا؟» قُلْنَا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ، قَالَ: «أَلَيْسَ ذَا الْحِجَّةِ؟» قُلْنَا: بَلَى، قَالَ: «فَأَيُّ بَلَدٍ هَذَا؟» قُلْنَا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ، قَالَ: «أَلَيْسَ الْبَلْدَةَ؟» ، قُلْنَا: بَلَى، قَالَ: «فَأَيُّ يَوْمٍ هَذَا؟» قُلْنَا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ، قَالَ: «أَلَيْسَ يَوْمَ النَّحْرِ؟» قُلْنَا: بَلَى يَا رَسُولَ اللهِ، قَالَ: «فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ – قَالَ مُحَمَّدٌ: وَأَحْسِبُهُ قَالَ: وَأَعْرَاضَكُمْ – حَرَامٌ عَلَيْكُمْ، كَحُرْمَةِ يَوْمِكُمْ هَذَا، فِي بَلَدِكُمْ هَذَا، فِي شَهْرِكُمْ هَذَا، وَسَتَلْقَوْنَ رَبَّكُمْ فَيَسْأَلُكُمْ عَنْ أَعْمَالِكُمْ، فَلَا تَرْجِعُنَّ بَعْدِي كُفَّارًا – أَوْ ضُلَّالًا – يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ، أَلَا لِيُبَلِّغِ الشَّاهِدُ الْغَائِبَ، فَلَعَلَّ بَعْضَ مَنْ يُبَلِّغُهُ يَكُونُ أَوْعَى لَهُ مِنْ بَعْضِ مَنْ سَمِعَهُ “، ثُمَّ قَالَ: «أَلَا هَلْ بَلَّغْتُ؟»

އަބީ ބަކްރާ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

“ހަމަކަށަވަރުން ޒަމާންވަނީ އޭގެ ދައުރު ފުރިހަމަކޮށް އޭގެ ހައިއަތަށް ﷲ އުޑުތަކާއި ބިން އުފެއްދެވި ދުވަހުގައި އައިސްފައެވެ. އަހަރަކީ 12 މަހެވެ. އޭގެތެރެއިން 4 މަސް ޙުރުމަތްތެރިވެގެންވެއެވެ. އެއީ ޖެހިޖެހިގެންވާ ތިން މަހެވެ. ޛުލް ޤައިދާ، ޛުލްޙިއްޖާ އަދި އަލްމުޙައްރަމް އެވެ.  އަދި ދެ ޖުމާދާ އަދި ޝަޢްބާން ދެމެދުގައި ވާ މުޟަރު މަސް ކަމުގައިވާ ރަޖަބު މަހެވެ.“

ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

“މިއި ކޮން މަހެއް ހެއްޔެވެ؟”

އަހަރެމެން ދެންނެވީމެވެ. މޮޅަށް ދެނެވޮޑިގެންވާނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ރާވީ ވިދާޅުވިއެވެ. ފަހެ އެކަލޭގެފާނު ހަނުހުންނެވިއެވެ. އެއީ އޭގެ ނަމުން ނޫން އެހެންނަމެއް އެއަށް ދެއްވަފާނެކަމަށް ތިމަންމެނަށް ހީވެއްޖެއުމަށް ދާންދެނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

“މިއީ ޛުލްޙިއްޖާ މަސް ނޫން ހެއްޔެވެ؟”

ތިމަން މެން ދެންނެވީމެވެ. ނޫނެކެވެ. (މިއީ އެ މަހެވެ) އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

“މިއީ ކޮން ރަށެއް ހެއްޔެވެ؟”

އަހަރެމެން ދެންނެވީމެވެ. މޮޅަށް ދެނެވޮޑިގެންވާނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ރާވީ ވިދާޅުވިއެވެ. ފަހެ އެކަލޭގެފާނު ހަނުހުންނެވިއެވެ. އެއީ އޭގެ ނަމުން ނޫން އެހެންނަމެއް އެއަށް ދެއްވަފާނެކަމަށް ތިމަންމެނަށް ހީވެއްޖެއުމަށް ދާންދެނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

“މިއީ އެރަށް ނޫންހެއްޔެވެ؟”

ތިމަންމެން ދެންނެވީމެވެ. ނޫނެކެވެ. (މިއީ އެރަށެވެ) އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ.

“މިއީ ކޮން ދުވަހެއް ހެއްޔެވެ.؟”

އަހަރެމެން ދެންނެވީމެވެ. މޮޅަށް ދެނެވޮޑިގެންވާނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ރާވީ ވިދާޅުވިއެވެ. ފަހެ އެކަލޭގެފާނު ހަނުހުންނެވިއެވެ. އެއީ އޭގެ ނަމުން ނޫން އެހެންނަމެއް އެއަށް ދެއްވަފާނެކަމަށް ތިމަންމެނަށް ހީވެއްޖެއުމަށް ދާންދެނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

“މިއީ ޤުރުބާނީގެ (ޢީދު) ދުވަހެއް ނޫން ހެއްޔެވެ؟”

ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ނޫނެކެވެ. (މިއީ އެދުވަހެވެ). އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“ފަހެ ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދާތަކާއި އަނބުރުތައްވަނީ ތިޔަބައިމީހުންގެ މިދުވަހުގެ ޙުރުމަތްތެރިކަން ފަދައިން، ތިޔަބައިމިހުންގެ މިރަށުގައި، ތިޔަބައިމީހުންގެ މިމަހުގައި (ޙުރުމަތްތެރިކަން ވާފަދައިން) ޙަރާމް ވެގެންނެވެ. އަދި ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްވާއި ބައްދަލުކުރާނެތެވެ. ފަހެ، ތިޔަބައިމީހުންގެ ޢަމަލުތަކާއި މެދު އެކަލާނގެ ތިޔަބައިމީހުންނާއި ސުވާލު ކުރާނެތެވެ. ފަހެ ތިމަންކަލޭގެފާނަށް ފަހު، ތިޔަބައިމީހުން ކާފަރުންގެ ގޮތުގައި/މަގުފުރެދިފައިވާ ބައެއްގެ ގޮތުގައި އެކަކު އަނެކަކުގެ ކަރުގައި ޖަހާ (ޤަތުލު ކުރާ) ބައެއްގެ ގޮތަށް ރުޖޫޢަ ނުވާށެވެ. ދަންނާށެވެ! (މިތާ ހާޒިރުގައި މި އަޑު އެހި) މީހާ މިތާ ނެތް މީހާއަށް މި (ވާހަކަތައް) ފޯރުކޮށްދޭށެވެ. އެހެނީ ފޯރުކޮށްދެވޭ ފަރާތް އަޑުއެހި ބައެއް މީހުންނަށްވުރެ ހިފްޡް/ވިސްނުން/ފަހުމް ވަރުގަފަވެގެން ވެދާނެއެވެ. ދެން އެކަލާގެފާނު ޙަދީޘް ކުރެއްވިއެވެ. “ދަންނާށެވެ! ތިމަންކަލޭގެފާނު (މިރިސާލަތު/މިވާހަކަތައް) ފޯރުކޮށްދެއްވައިފިން ތޯ އެވެ؟.”

(ޞަޙީޙް މުސްލިމް 1679)

عن جُبَيْرِ بْنِ مُطْعِمٍ، قَالَ: قَامَ رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ بِالْخَيْفِ مِنْ مِنًى، فَقَالَ: «نَضَّرَ اللَّه امْرَأً سَمِعَ مَقَالَتِى فَبَلَّغهَا، فَرُبَّ حَامِلِ فِقْهٍ غَيرُ فقيهٍ، وَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ، ثَلاثٌ لا يَغِلُّ عَلَيْهِنَ قَلْبُ مُؤْمِنٍ: إِخْلاَصُ الْعَمَلِ لله، وَالنَّصِيحَةُ لِولاةِ الْمُسلِمينَ، وَلُزُومُ جَمَاعَتِهم؛ فَإِنَّ دَعْوَتَهُمْ تُحيطُ مِنْ وَرَائِهِم»

ޖުބައިރު ބުން މުޠްޢިމުގެ ކިބައިން ރިވާވެގެންވެއެވެ. މިނާގައި އަލްޚައިފުގައި ﷲގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ތެދުވެވަޑައިގަންނަވާފައި ޙަދީޘް ކުރެއްވިއެވެ.

“ތިމަންކަލޭގެފާނުގެ ބަސް އެހުމަށްފަހު (އެއެހެންމީހަކަށް) ފޯރުކޮށްދިން މީހާގެ މޫނު އުޖާލާ ކޮށްދެއްވާށެވެ. ފަހެ، ޢިލްމުގެ ވެރިޔާ (ޙަދީޘް ފޯރުކޮށްދޭ މީހާ) އެއީ އޭގެ މާނަ ފަހުމްވެފައިވާ މީހަކަށް ނުވެދާނެއެވެ. އަދި ޢިލްމުގެ ވެރިޔާ (ޙަދީޘް ފޯރުކޮށްދޭ މީހާ) ޙަދީޘް ފޯރުކޮށްދެނީ އޭނާއަށްވުރެ ފިޤްހުވެރި/ޙަދީޘްގެ މާނަ ފަހުމްވާނެ މީހަކަށް ވެދާނެއެވެ. ތިން ކަމަކަށް މުއުމިނާގެ ހިތް ނުރުހުންތެރިއެއް/ރުޅިވެރިއެއް ނުވާނެއެވެ. (އެއީ) ޢަމަލުގައި ﷲއަށް އިޚްލާޞްތެރިވުމަށާއި މުސްލިމުންގެ ވެރިންނަށް ނަޞޭހަތްތެރިވުމުގަޔާއި އަދި އެމީހުންގެ ޖަމާޢަތާއިއެކު ވުމުގައެވެ. ފަހެ، އެބައިމީހުންގެ  (މުސްލިމުންގެ) ދުޢާ ވަނީ އެމީހުންގެ (ޖަމާޢަތުގެ) ވަށައިގެން (ރައްކާތެރިކަމުގެ ގޮތުން) އިޖާބަވެވިގެންނެވެ.

(ސުނަން އިބްން މާޖާ 3056 ޝައިޚް އަލްބާނީ ޞައްޙަކުރައްވާފައި)

އައްޔާމުއްތަޝްރީޤުގެ މެދު ދުވަހުގައި އެކަލޭގެފާނު ދެއްވި ޚުޠްބާއިން:

عَنْ أَبِي نَضْرَةَ، حَدَّثَنِي مَنْ سَمِعَ خُطْبَةَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي وَسَطِ أَيَّامِ التَّشْرِيقِ فَقَالَ: «يَا أَيُّهَا النَّاسُ، أَلَا إِنَّ رَبَّكُمْ وَاحِدٌ، وَإِنَّ أَبَاكُمْ وَاحِدٌ، أَلَا لَا فَضْلَ لِعَرَبِيٍّ عَلَى عَجَمِيٍّ ، وَلَا لِعَجَمِيٍّ عَلَى عَرَبِيٍّ، وَلَا أَحْمَرَ عَلَى أَسْوَدَ، وَلَا أَسْوَدَ عَلَى أَحْمَرَ، إِلَّا بِالتَّقْوَى أَبَلَّغْتُ»، قَالُوا: بَلَّغَ رَسُولُ اللهِ، ثُمَّ قَالَ: «أَيُّ يَوْمٍ هَذَا؟»، قَالُوا: يَوْمٌ حَرَامٌ، ثُمَّ قَالَ: «أَيُّ شَهْرٍ هَذَا؟»، قَالُوا: شَهْرٌ حَرَامٌ، قَالَ: ثُمَّ قَالَ: «أَيُّ بَلَدٍ هَذَا؟»، قَالُوا بَلَدٌ حَرَامٌ، قَالَ: «فَإِنَّ اللهَ قَدْ حَرَّمَ بَيْنَكُمْ دِمَاءَكُمْ وَأَمْوَالَكُمْ» ـ قَالَ: وَلَا أَدْرِي قَالَ: أَوْ أَعْرَاضَكُمْ، أَمْ لَا ـ كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا أَبَلَّغْتُ»، قَالُوا: بَلَّغَ رَسُولُ اللهِ، قَالَ: «لِيُبَلِّغِ الشَّاهِدُ الْغَائِبَ»

އައްޔާމުއްތަޝްރީޤުގެ މެދުދުވަހުގައި ﷲގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވި ޚުޠްބާ އަޑު އެއްސެވި ޞަޙާބީއެއް ކިބައިން އަބޫ ނަޟްރާ رَضِيَ اللهُ عَنْهُ ރިވާކުރެއްވިއެވެ.

“އޭ މީސްތަކުންނޭވެ! ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ އެކެކެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ބައްޕައަކީ އެކެކެވެ. ދަންނާށެވެ! ޢަރަބި މީހަކަށް ޢަރަބި ނޫން މީހެއްގެ މައްޗަށް މާތްކަމެއް ނުވެއެވެ. އަދި ޢަރަބި ނޫން މީހަކަށް ޢަރަބި މީހެއްގެ މައްޗަކަށް މާތްކަމެއްވެސް ނުވެއެވެ. އަދި ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަކަށްވެސް މާތްކަމެއްނުވެއެވެ. އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަކަށްވެސް މާތްކަމެއްނުވެއެވެ. ތަޤްވާ އިން މެނުވީއެވެ. ތިމަންކަލޭގެފާނު (މި ރިސާލަތު) ފޯރުކޮށްދެއްވައިފިންތަ؟“

އެބޭކަލުން ދެންނެވިއެވެ. ﷲގެ ރަސޫލާ (ރިސާލަތު) ފޯރުކޮށްދެއްވައިފިއެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

މިއީ ކޮންމަހެއް  ހެއްޔެވެ؟

އެބޭކަލުން ދެންނެވިއެވެ. މިއީ ޙުރުމަތްތެރިވެގެންވާ މަހެކެވެ. ދެން އެކަލޭގެފާނު ދެންނެވިއެވެ.

މިއީ ކޮން ރަށެއް ހެއްޔެވެ؟

އެބޭކަލުން ދެންނެވިއެވެ. މިއީ ޙުރުމަތްތެރިވެގެންވާ ރަށެކެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

ފަހެ، ހަމަކަށަވަރުން ﷲ ވަނީ ތިޔަބައިމީހުންގެ މެދުގައި ތިޔަބައިމީހުންގެ ލެޔާއި މުދާތަކާއި (ރާވީ ވިދާޅުވީ ނޭނގޭ ކަމަށެ ނުވަތަ ވިދާޅުވީ) އަބުރުތައް ޙަރާމް ކުރައްވާފައެވެ. އެއީ ތިޔަބައިމީހުންގެ މިރަށުގައި، މިމަހުގައި، މިދުވަހުގެ ޙުރުމަތްތެރިކަން ފަދައިންނެވެ. ތިމަންކަލޭގެފާނު (މި ރިސާލަތު) ފޯރުކޮށްދެއްވައިފިންތަ؟

އެބޭކަލުން ދެންނެވިއެވެ. ﷲގެ ރަސޫލާ (ރިސާލަތު) ފޯރުކޮށްދެއްވައިފިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

“އެއީ މިތާ (އަޑު އަހަން) ހުރި މީހާ (މިތާ) ނެތް މީހާއަށް (މި ނަޞޭޙަތް) ފޯރުކޮށްދިނުމަށެވެ.“

(މުސްނަދު އަޙްމަދު: ޝައިޚް އަރްނާއޫޠް، ޝައިޚް ޝާކިރު އަދި ޝައީޚް އަލްބާނީ ޞައްޙަ ކުރައްވާފައި)

 

ވަކި ދުވަހެއް ނޭނގޭ ނަމަވެސް، ޙައްޖަތުލްވަދާޢުގައި ދެއްވާފައިވާ ޚުޠްބާތަކުން:

عَنْ أَبِي أُمَامَةَ، قَالَ سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ فِي خُطْبَتِهِ عَامَ حَجَّةِ الْوَدَاعِ ‏ «الْعَارِيَةُ مُؤَدَّاةٌ وَالزَّعِيمُ غَارِمٌ وَالدَّيْنُ مَقْضِيٌّ‏.»

އަބޫ އުމާމާ رَضِيَ اللهُ عَنْهُ ރިވާކުރެއްވިއެވެ. ތިމަންކަލޭގެފާނު ޙައްޖަތުލްވަދާޢުގެ އަހަރުގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޚުޠްބާދެއްވަނިކޮށް ޙަދީޘް ކުރައްވަނިކޮށް އަޑު އެހީމެވެ.

“ޢާރިޔާއެއްގެގޮތުގައި ބޭނުން ކުރަން ނަގާ އެތި ރައްދުކުރަންވާނެއެވެ. (ދަރަންޏެއް ނަގާއިރު) ޒިއްމާވާ މީހާ ޒިއްމާ ނަގަންޖެހޭނެއެވެ. އަދި ދަރަނި އަދާކުރަންޖެހޭނެއެވެ.”

(ސުނަން އައްތިރްމިޒީ 1265: ޝައިޚް އަލްބާނީ ޞައްޙަ ކުރައްވާފައި)

حَدَّثَنِي سُلَيْمُ بْنُ عَامِرٍ، قَالَ سَمِعْتُ أَبَا أُمَامَةَ، يَقُولُ سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَخْطُبُ فِي حَجَّةِ الْوَدَاعِ فَقَالَ ‏ «اتَّقُوا اللَّهَ رَبَّكُمْ وَصَلُّوا خَمْسَكُمْ وَصُومُوا شَهْرَكُمْ وَأَدُّوا زَكَاةَ أَمْوَالِكُمْ وَأَطِيعُوا ذَا أَمْرِكُمْ تَدْخُلُوا جَنَّةَ رَبِّكُمْ»‏

އަބޫ އުމާމާގެ رَضِيَ اللهُ عَنْهُ ކިބައިން ރިވާވެގެންވެއެވެ. ޙައްޖަތުލް ވަދާޢުގައި ﷲގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ.

“ޔިޔަބައިމީހުންގެ ވެރި ރައްބު ﷲއަށް ތިޔަވައިމީހުން ބިރުވެތިވެ ތަޤްވާވެރިވާށެވެ!  އަދި ތިޔަބައިމީހުންގެ ފަސް ނަމާދު ކުރާށެވެ! އަދި ތިޔަބައިމީހުންގެ މަސް (ރޯދަ މަހު) ރޯދަ ހިފާށެވެ! އަދި ތިޔަބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާށެވެ! އަދި ތިޔަބައިމީހުންގެ އަމުރުގެ ވެރިޔާއަށް ކިޔަމަންވާށެވެ! އެހައިރުން، ތިޔަބައިމީހުންގެ ރައްބުގެ ސުވަރުގެއަށް ތިޔަބައިމީހުން ވަންނާނެތެވެ!“

(ސުނަން އައްތިރްމިޒީ: ޝައިޚް އަލްބާނީ ޞައްޙަ ކުރައްވާފައި)

عن أَبِي أُمَامَةَ الْبَاهِلِيَّ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ فِي خُطْبَتِهِ عَامَ حِجَّةِ الْوَدَاعِ «إِنَّ اللَّهَ قَدْ أَعْطَى كُلَّ ذِي حَقٍّ حَقَّهُ، فَلَا وَصِيَّةَ لِوَارِثٍ»

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙައްޖަތުލްވަދާއުގެ އަހަރުގައި ޚުޠްބާގައި ޙަދީޘް ކުރެއްވިކަމަށް އަބޫ އުމާމާ رَضِيَ اللهُ عَنْهُ ރިވާކުރެއްވިއެވެ.

“ހަމަކަށަވަރުން ﷲ ވަނީ ކޮންމެ ޙައްޤުވެރިއަކަށް އެމީހެއްގެ ޙައްޤު ދެއްވާފައެވެ. ވާރުތަކުރާ މީހަކަށް ވަޞިއްޔަތެއް ނުވެއެވެ.”

(ސުނަން އިބްން މާޖާ 2713 ޝައިޚް އަލްބާނީ ޞައްޙަ ކުރައްވާފައި)

މަސްދަރު: މަހަލްދީބު