ރ. ވާދޫގައި މިއަހަރުގެ އަޟްހާ އީދުވެސް ވަރަށް ފޯރިގަދަކޮށް ފާހަގަކުރަމުން އެބަގެންދެއެވެ.
ޒަމާނުންސުރެ ވާދޫގައި ޢީދުގެ ހަރަކާތްތައް ކުރިއަށްގެންދަނީ ރަށުގެ ބެލެނިވެރި ފަރާތްކަމަށްވާ މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން އެކުލަވާލާ ޢީދު ކޮމީޓީއަކުން އިންތިޒާމުކޮށްގެންނެވެ. ޢީދު ކޮމިޓީ އެކުލަވާލަނީ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއްގައި އެ ކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ހިމަނައިގެންނެވެ.
އެކަމަކު އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޢީދު ހަރަކާތްތައް ކުރިއަށްގެންދަނީ އެގޮތަށް އެކުލަވާލެވުނު ޢީދު ކޮމިޓީއަކުން ނޫނެވެ. ރަށުގެ ރައްޔިތުންގެ ތެރެއިން މިކަމަށް އިސްނެގި ފަރާތްތަކަކުން ރާވައި އިންތިޒާމުކޮށްގެންނެވެ.
ވާދޫގައި ޢީދުގައި އޮންނަ އެންމެ މައިގަނޑު ކުޅިވަރަކީ ކޯޑިއެވެ. މުޅި ޢީދުގެ ފޯރި ބިނާވެފައި އޮންނަނީ ކޯޑިއާ ގުޅިގެން އަންނަ ފޯރިގަދަ ކުޅިވަރުތަކާއި ހަރަކާތްތަކަށެވެ. ވާދޫގައި ޢީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް އިހު ޒަމާނުންސުރެ ރަސްމީކޮށް ފަށަނީ ވަޅު ޢީދު ދުވަހާ ވިދިގެން އަންނަ ދުވަހުގެ ހެނދުނު އޮންނަ ބިލެތްއެޅުމުގެ ހަރަކާތުން (ކޯޑިއާއި އީދު ކުޅިވަރު ކުޅުމުގެ ރަސްމީ އިޒުނައަކަށް އެދުމަށް ކުރިއަށްގެންދާ ހަރަކާތުންނެވެ.) މިހަރަކާތަށްފަހު، މެންދުރުފަހު ރަށުގެ ފިރިހެން ވެރިން ކޯޑި ހައްދާނެއެވެ. އަދި އަޞްރުން ފަސްވުމުން، ކޯޑި ނެރެ، ބޮޑެތި މަގުތަކުގައި ކޯޑި ހިންގައި، މައިދާނުގައި ކޯޑި ކުޅޭނެއެވެ. ކޯޑި ރޫޅާލުމާއި، ވިޔަފަންގަނޑު ފޮރުވުމާއި ވިޔަފަންގަނޑު ހޯދުމުގެ އިތުރުން އެ ފަންގަނޑު ރުކަށް ނެގުމާއި ވަރު ހުރި ފިރިހެނަކު މެންދަމުގެ ވަގުތު އެ ފަންގަނޑު ކެނޑުން މިއީ ވިދިވިދިގެން ކުރިއަށްދާ ކޯޑިއާ ގުޅުންހުރި ހަރަކާތްތަކެވެ. ދެން އޮންނާނީ ޖެހިގެން އަންނަ ދުވަހު ތަކުރު ހައްދައިގެން ނެރުމެވެ. ތަކުރު ފެންވެރުވުމާއި ފަރިވަޅު ދިނުމަކީވެސް ގުޅުންހުރި ފޯރިގަދަ ހަރަކާތްތަކެވެ.
ފެންކުޅިއާއި ޖަންގަލީ ޕެރޭޑާއި މިނޫނަސް އެކި ތަފާތު ގިނަ ސަގާފީ އަދި ޒަމާނީ ކުޅިވަރުތަކާއި ހަރަކާތްތައް މިރަށުގައި އޮންނާނެއެވެ.
ވާދޫގައި މިއަހަރުގެ ޢީދުގައިވެސް ކޯޑިއަށް ބިލެތް އަޅައި ރަސްމީކޮށް ހަރަކާތްތައް ފަށާފައިވާއިރު މިކުޅިވަރުތަކާއި ހަރަކާތްތަކުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވަމުންދަނީ ވަރަށް ޖޯޝާއި އާދަޔާ ޚިލާފު ރޫހެއްގައެވެ. ޢީދެއް އައިސްފިކަން މުޅި ރަށަށް ގައިމުވެސް އެނގުންވެއްޖެއެވެ.
ވާދޫ ޢީދު ފޯރި 1445ގެ ކުޅިވަރު/ ހަރަކާތްތަކުގެ ތާވަލު ހިއްސާކޮށްލަމެވެ.