މުބާރާތްތަކުގައި ކީރިތި ޤުރުއާން ކިޔަވާ ކުދިންނަށް ރަނުގެ ފުރުސަތެއް!

ރ. އަތޮޅަށް ހުޅުވާލައިގެން މިއަހަރު ބާއްވާ މުބާރާތްކުގެ ތާރީޚުތައް ކަނޑައަޅައި ނިންމައިފިއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް މިއަދު ރ. ވާދޫ ލައިވްއަށް ވިދާޅުވީ އެ ކައުންސިލުން މިއަހަރު ބާއްވަން ނިންމާފައިވާ މުބާރާތްތައް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތުން ޖުމުލަ ހަތަރު މުބާރާތެއް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަތޮޅު ކައުންސިލުން މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ކުޅިވަރުގެ ތިން މުބާރާތަކާއި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ. ރ. އަތޮޅު ޤުރުއާން މުބާރާތް ފަށާނީ ނޮވެމްބަރުމަހުގެ ދެ ވަނަ ދުވަހު ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ. މިދިޔަ އަހަރު މިމުބާރާތުގައި އަތޮޅު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އަތޮޅުގެ 15 ރަށުން ޖުމުލަ 190 ދަރިވަރުން ވާދަކުރިއެވެ.

އަތޮޅު ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މުބާރާތް ބޭއްވުމުގެ މަގުޞަދަކީ ރ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ދެވިފައިވާ ލޯބި އިތުރުކޮށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރްއާން ކިޔަވަން ބާރު އެޅުވުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ވާދަވެރި މާހައުލެއްގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދިނުމެވެ.

މީގެ އިތުރުން ޤައުމީ ޤުރްއާން މުބާރާތާއި ރާއްޖޭގެ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުގައި ރ. އަތޮޅު ތަމްސީލްކުރާނެ ފަރާތްތަކެއް ވާދަވެރި މާހައުލެއްގެ ތެރެއިން އުފެއްދުން ކަމަށް ވެސް އަތޮޅު ކައުންސިލުން ބުނެއެވެ.

މިއަހަރު އޮންނަ ކުޅިވަރު މުބާރާތްތަކުގެ ގޮތުގައި ބާއްވާ ވޮލީ ބޯލް އަދި ހޭންޑް ބޯލް މުބާރާތް ފަށާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ސިލްސިލާކޮށް ބާއްވާ އަތޮޅު ފުޓްސަލް މުބާރާތް މިއަހަރު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.

މި މުބާރާތްތައް ހޯސްޓުކުރުމުގެ ފުރުސަތު އެހެން އަހަރުތަކާ ޚިލާފަށް ރަޖިސްޓަރކޮށްގެން ހިންގާ ޖަމުޢިއްޔާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރޭގައި ހިމެނޭ ވޮލީ ބޯލް މުބާރާތަކީ މުޅިން އަލަށް ތަޢާރަފްކުރާ މުބާރާތެކެވެ.

ނަމަވެސް މިއަހަރުގެ ފުޓްސަލް މުބާރާތަކީ އަތޮޅު ކައުންސިލުން ބާއްވާ ތިން ވަނަ މުބާރާތެވެ. އަދި ހޭންޑް ބޯލްގެ މިއަހަރު ބާއްވާ މުބާރާތަކީ ދެ ވަނަ މުބާރާތެވެ.