ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކަޑަމީއިން ކުރިއަށްގެންދިޔަ އަތުލިޔުމުގެ މުބާރާތުގެ ގަދަ 10 ގައި ރ. ވާދޫ ކައުންސިލްގެ ދެ މުވައްޒަފުން ހިމެނިއްޖެއެވެ.
އެންމެ ރީތި 10 އަތުލިޔުމުގެ ތެރޭގައި ހިމެނިފައިވަނީ ރ. ވާދޫ ކައުންސިލްގެ އިދާރާގެ މުޙައްމަދު ޝަފީޤް އަދި ޔަޝްފާ ހުސައިންގެ އަތުލިޔުމެވެ. މިކަން އިއުލާންކޮށް، ތަށްޓާއި ހަނދާނީލިޔުން ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ކޮންމެ އަހަރެއްގެ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަތުލިޔުމުގެ މުބާރާތަށް މި އަހަރު ވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.
މި މުބާރާތަކީ ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ މުބާރާތެކެވެ. 2022 ވަނަ އަހަރުން ފެށިގެން މި މުބާރާތަކީ އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާ މުބާރާތެއްކަމުން، އަތޮޅު ތެރެއިން ވެސް ބޮޑު ތަރުޙީބެއް ލިބޭކަން އެ ވިދާރާއިން ފާހަގަކުރެއެވެ.
މި މުބާރާތް ބާއްވާފައިވަނީ ދިވެހިބަހާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމަށާއި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ މަގުސަދުގައެވެ.
ލިޔުންތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހަށްވާތީއެވެ.
”އަލްއިޞްލާޙް“ ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޖައްލާ ނެރެން ފަށާފައިވަނީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.
އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ލިޔުންތެރިކަން އޭގެ ހަޤީޤީ މާނައިގައި ރާއްޖޭގައި ފެށިގެން އައީ އެހިސާބުންނެވެ. ރާއްޖޭގައި ލިޔުންތެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1993 ވަނަ އަހަރު ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ.
މިއަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވާފައިވަނީ ”ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށްޓަކައި ލިޔުންތެރިންގެ ދައުރު މުހިންމު“ އެވެ.
