ގޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅޭ ރ. އަލިފުށީ ޓީމަށް ސަޕޯޓް ކުރުމަށް މުޅި ރ. އަތޮޅު ތައްޔާރުވެއްޖެއެވެ.
އެ ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަނުމަށް ރ. އަތޮޅުގެ ރަށްރަށުން، ހާއްސަކޮށް އަލިފުށިން ގިނަ ބަޔަކު މާލެ އައިރުއިރު، މާލޭގައި ތިބި އަލިފުށީގެ ސަޕޯޓަރުން ވެސް ތިބީ ޓިކެޓް ގަނެ، ކުޅި ބަލަން ތައްޔާރުވެފައެވެ.
މީގެ އިތުރުން ގިނަ ބަޔަކު އެއްތަންވެ މެޗު ބެލޭނެ އިންތިޒާމް އަލިފުށްޓާއި އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ހަމަޖައްސާފައެވެ.
އަލިފުށި ސެމީ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން ފުވައްމުލައް ސިޓީ ބަލިކޮށްގެނެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
ޕެނަލްޓީގައި ފުވައްމުލަކުގެ ސާދު ނިޒާރު އަހްމަދު މުހައްމަދު ފައްތާހް، ފޮނުވާލި ޕެނަލްޓީ އަލިފުށީގެ ކީޕަރު އަބްދުއްސައްދާދު އާދަމް ދިފާއު ކުރި އެވެ.
އަލިފުށީގެ ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބު ވީ އެންމެ ފުރަތަމަ ޕެނަލްޓީ ޖެހި އަހްމަދު ވިޖުދާން (ވިޖުކޯ) އަށެވެ.
