ރ. ވާދޫގައި މިހާރު ކުރިއަށްދާ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25ގެ ދެވަނަ މެޗުގައި ނިއުބޯން އެފްސީގެ މައްޗަށް ފްލައިން ޑަޗްމެން ކުރި ހޯދައިފިއެވެ.
މިމުބާރާތުގައި ފްލައިން ޑަޗްމެންގެ ފުރަތަމަ ކުރިމަތިލުމުގައި އެ ޓީމުން މެޗު ކާމިޔާބުކުރީ 8-3 ގެ ނަތީޖާއަކުން ފަސޭހަކަމާއެކުގައެވެ.
ފޯރިގަދަ، ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެ ޓީމުން ވެސް ކުޅުނީ އެޓޭކިން ގޭމެކެވެ. މިމެޗުގައި ޖެހި އެއް ލަނޑު ފިޔަވައި ހުރިހާ ލަނޑެއް ވެސް ކާމިޔާބުކުރެވުނީ ފުރަތަމަ ހާފުގައެވެ. އެ ހާފު ނިމުނީ 2-8 ގެ ނަތީޖާއަކުންނެވެ.
ދެ ވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް، އެންމެ ފުރުސަތެއް ފިޔަވައި ފުރުސަތުތައް ބޭކާރުވެ، މެޗު ނިންމާލަން ޖެހުނީ 3-8 ގެ ނަތީޖާއަކުންނެވެ.
ނިއުބޯން އެފްސީގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖެހި ނަމަވެސް ހާފުގެ ގިނަ ވަގުތު ދެ ޓީމަށް ވެސް ގޯލް ބަންދުވިއެވެ.
ދެވަނަ މެޗުން ބަލިވި ނަމަވެސް މިމުބާރާތް ހުޅުވައިދިން މެޗުގައި ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން މުބާރާތް ފެށީ ގަދަކޮށެވެ.
ޖުމުލަ ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕްގައި މާދަމާ ހަވީރު ކުޅޭނީ ފްލައިން ޑަޗްމެން އާއި ބްލެކް ފެންޓަސީއެވެ.
އެސް.ނާ އިންވެސްޓްމަންޓުން ހިންގާ މިމުބާރާތުގެ ތިން ވަނަ މެެޗު ފަށާނީ ހަވީރު 4:45ގައި ރ. ވާދޫ ފުޓްސަލް ދަނޑުގައެވެ.
މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.
މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.
”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދެނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.
