ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފިއެވެ.
ރ. އަތޮޅުގައި މި 2 ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި މި ދެ ޚިދުމަތް ރ. އަތޮޅުގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ރ. އަތޮޅު ކައުންސިލުގެ ރައީސް ޙުސެއިން ނާސިފެވެ.
އުނގޫފާރަކީ މާޅޮސްމަޑުލު އުތުރުބުރީގެ ވެރިކަން ކުރާ ރަށަށްވެފައި، އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަރާ ފައިބާ ރަށެއްކަމުން، އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ޚިދުމަތެއް ރައްޔިތުންނާ ގާތުން ލިބޭނެ މަގުފަހިވެގެން ދިޔުމުން އުނގޫފާރާއި، އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރ. އުނގޫފާރުގައި ރަސްމީކޮށް ފަށާފައިވާއިރު، އެރަށަކީ އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ 7 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފައްޓަވާފައެވެ.
