”ތިމީހުންގެ އެދުމަށް، އަހަރެމެން މިގެނެސްދިނީ!“ ސާދަތިރީސްއަށެއްގެ ރަސްމީ ފޭސްބުކް ޕޭޖަށް އެ މީހުންގެ އެންމެ ފަހުގެ މޭޝްއަޕްގެ ޔޫޓިއުބް ލިންކު ދޫކޮށްލަމުން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ. އެގުރޫޕުން ނެރުނު ފުރަތަމަ ލޯބީގެ މޭޝްއަޕަށް ލިބުނު ތަރުޚީބާއި ބެލުންތެރީންގެ އާދޭހަށް އިޖާބަދިނުމަށް ދެވަނަ މޭޝްއަޕެއް ދޫކޮށްލާފައިވާއިރު އެމޭޝްއަޕްވެސް މިވަނީ ފަތުއަޑުކިޔާފައި ވައިގައި ހިފާފައެވެ.
ސާދަތިރީސްއަށެއްގެ ދެވަނަ މޭޝްއަޕަށް ލިބުނު ތަރުޚީބުގެ ބޮޑުކަން އެންމެ ހަފުތާއެއްގެ ތެރޭގައި ޔޫޓިއުބުން އެ މޭޝްއަޕް ބަލާފައިވާ އަދަދުން އެކަނިވެސް ހާމަވެއެވެ. މިހާރުވެސް ދޮޅުލައްކައަށްވުރެ ގިނަ މީހުން ސާދަތިރީސްއަށެއްގެ ”މޭޝްއަޕް 2“ ބަލައިފިއެވެ. ދިވެހީންގެ މެދުގައި މަގުބޫލުކަން ލިބުނު ލޯބީގެ ލަވަތަކަށް ޒަމާނީ މިއުޒިކުން ”ފުރާނައަޅައިގެން“ މިމޭޝްއަޕުން މިވަނީ އެ ލަވަތަކަށް އައު ދިރުމެއް ގެނެސްދީފައެވެ. މަގުބޫލު ފަންނާނުންގެ ޖާދުވީ އަޑުތަކުން، މިލަވަތަކަށް އިތުރު ހިތްގައިމުކަމެއް ލިއްބައިދީފައިވެއެވެ.
ސާދަތިރީސްއަށެއް އެންޓައިޓެންމަންޓަކީ މިއުޒިކް ބޭންޑެއްގެ އިތުރުން ބޮޑުބެރު ގުރޫޕެއްވެސް ހިންގަމުން އަންނަ މުނިފޫހިފިލުވައިދޭ ދިވެހީންގެ އެކުވެރިއެކެވެ.
ސާދަތިރީސްއަށެއްގެ ”މޭޝްއަޕް 2″ގެ ލަވަތައް ހުށަހަޅައިދީފައިވަނީ ތައާރަފަކަށް ބޭނުންނުވާނެ ލަވަކިޔުންތެރީންކަމަށްވާ މެހެފޫޒް އިބްރާހީމާއި ހަސަން މުސްފާހް (މުސީ)އާއި ޝިނާން ރަޝީދު (ޝިންނު)އާއި ޝަލަބީ އިބްރާހީމާއި މުހައްމަދު ހަމްދާނާއި އަބުދުﷲ ހިޝާންގެ އިތުރުން ހުމާމް ހަލީމްއާއި އަޖުފާން އިސްމާއިލް (އަޖުއްޕަޅޭ) އަދި އިކުރާމް މުހައްމަދު (އިކޫ)އެވެ.
ފަސްމިނިޓާއި 34 ސިކުންތުގެ މިމޭޝްއަޕްގައި ޖުމުލަ ނުވަ ލަވަ ހިމެނެއެވެ. ޝަލަބީގެ ހިތްގައިމު އަޑުން މޭޝްއަޕް ފެށެނީ ”ތިޔަފަރި ރީތި ނަޒަރު“ މިލަވައިންނެވެ. އެއަށްފަހު ޝިންނުގެ އަޑުން ”އޭ ހާދަ އެދެން“ މިލަވަ އިވިގެންދެއެވެ. ފަންނާނުންގެ ވަކިވަކި ހުށަހެޅުން ފެނިގެންދާއިރު ދެން އިވިގެންދަނީ މުސީގެ އަޑުން ”އޭމަލާ ތިޔަ ގޮތަށް ދޭހުގައި“ މިލަވައެވެ. އެއަށްފަހު ދެން އިވެނީ ހަމްދާންގެ އަޑެވެ. ހަމްދާނަށް ފަހު، އަޖުއްޕަޅޭގެ އަޑުން ”ތިޔަ ރީތިކަމުންނޭ ނަމުން ގޮވާލީ“ މިލަވައިގެން ކަޑިއެއް އިވިގެން ދެއެވެ. މޭޝްއަޕްގައި ދެން އިވިގެންދަނީ މެހެފޫޒްގެ އަޑުން ”މަސްތުވެއްޖޭ ފެނިފައި މިތުރާ“އެވެ. މިމޭޝްއަޕްގައި ހިޝާންގެ ހުށަހެޅުމެއް ވެސް އިވިގެންދާއިރު، ހިޝާނަށް ފަހު ހުމާމްގެ އަޑުން ”ޖާދޫވީ މަހިނޫރެކޭ“ އިވިގެންދެއެވެ. މޭޝްއަޕް ނިމިގެންދަނީ އިކޫގެ އަޑުން ފަށާ ”ޔާރާޔާރާ“ އިންނެވެ. ނިންމާލުމަށް އިކޫއާއެކު ހުރިހާ ފަންނާނުން ބައިވެރިވެއެވެ.
ސާދަތިރީސްއަށަކުން ފުރަތަމަ މޭޝްއަޕް ނެރުނީ އަންހެނުންގެ ދުވަހާ ދިމާކޮށެވެ.
އެ ގުރޫޕުން ބުނާ ގޮތުގައި، ކުރިއަށް ވެސް ސަޅި މޭޝަޕްތައް ހުރީއެވެ. ކުރިއަށް އޮތް ދެތިން މަސް ތެރޭ ސާދަތިރީސްއަށެއް އެންޓަޓެއިންމަންޓްގެ މިއުޒިކް ބޭންޑް، ”ސްކޯލިއޯ“ގެ އަމިއްލަ ރާގުގެ ލަވައެއް ނެރުމުގެ މަސައްކަތްތައް ދަނީ މިހާރު ކުރަމުންނެވެ. އަދި ބޮޑުބެރު ލަވައެއް ވެސް ނެރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
