ލިޔުންތެރިޔާ އަދި ޅެންވެރިޔާ ޒިދާން މުޙައްމަދުގެ ފުރަތަމަ ލޯބީގެ ލަވަ ”އަލަތު ލޯބި“ ނެރެފިއެވެ.

ހިންދީ މެލޮޑީއަކަށް ޒިދާން ލިޔެފައިވާ ”އަލަތު ލޯބި“ ޅެމުގެ ދެލިގަނޑަށް ”ފުރާނައަޅައިދީފައި“ ވަނީ ރ. އަލިފުށީގައި ހިންގާ ޝާ ސްޓޫޑިއޯއިން ތައްޔާރުކޮށްފައިވާ ހިތްގައިމު މިއުޒިކުންނެވެ.

ފުރަތަމަ ވެވުނު ލޯބީގެ ވާހަކަ ކިޔައިދޭ މިލަވަ ހުށަހަޅައިދީފައިވަނީ ލަވަކިޔުންތެރިޔާ އަބްދުﷲ ޝާފިއުއެވެ. ލިރިކްސް ފިޔަވައި މިލަވައިގެން ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ޝާފިއުއެވެ.

މީގެ ކުރިންވެސް ޒިދާންގެ ގިނަ ލަވަތަކެއް ކިޔާފައިވާ ޝާފިއުއާ ހަވާލުކޮށްގެން މިމަސައްކަތް ނިންމާލީ ޒިދާން ބުނި ގޮތުގައި، އޭނާއަކީ އިތުރުބާރު ހިފޭ މޮޅު އަދި މަސައްކަތަށް ފަރުވާތެރި ފަންނުވެރިއަކަށް ވާތީއެވެ. މިލަވައަކީ ޒިދާންގެ ފުރަތަމަ ލޯބީގެ ޅެމަށް ވުމުން މިފަދަ ހާއްސަ މަސައްކަތެއް ކުރަން އެންމެ އެކަށީގެންވަނީ ޝާފިއު ފަދަ ތަޖުރިބާހުރި ފަރާތަކާ ހަވާލުކޮށްގެން ކަމަށް ގަބޫލުކުރެވޭ ކަމަށް ޒިދާން ބުންޏެވެ.

ޒިދާން (ކ) – ޝާފިއު (ވ)

ރ. ވާދޫއަށް އުފަން ޒިދާން ވަނީ އިޖުތިމާއީ މައްސަލަތަކާއި ހާއްސަ މުނާސަބާތަކާއި ގައުމީ އަދި މޫސުމީ ގިނަ ޅަވަތަކެއް ލިޔެ، ބައެއް ލަވަތައް ރެކޯޑްކޮށް އާންމުންނަށް ދޫކޮށްލާފައެވެ.

އެޑިޓަރުގެ ނޯޓު: ޒިދާން މުޙައްމަދަކީ، ޅެންވެރިއެއްގެ އިތުރުން ނޫސްވެރިއެކެވެ. ނޫސްވެރިކަމުގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޒިދާންއަކީ މިނޫހުގެ މަސްޢޫލުވެރިޔާއެވެ.