މަޝްހޫރު ހައި-ޓެކް ބްރޭންޑް އަސޫސްގެ ޒެންބުކް ސީރީޒްގައި ރެދަނުގެ ހިތްގައިމުކަމާއެކު ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ވާދޫގެ ނަންދީފައިވާ ރެދަން ޑިޒައިންގެ ލެޕްޓޮޕެއް ހިމަނައިފިއެވެ.

އަލަށް ތައާރަފުކުރި އަސޫސްގެ ޒެންބުކް ސީރީޒްގައި ހިމެނޭ ޑިޒައިންތަކަކީ ފަތުރުވެރިންނާއި ދަތުރުވެރިންގެ މެދުގައި މަގުބޫލުކަންކަމަށް ހާއްސަކޮށްފައިވާ ޑިޒައިންތަކެކެވެ.

އަސޫސްގެ ސިގްނޭޗާ އެޑިޝަން ޒެންބުކްގެ ލެޕްޓޮޕަކަށް ދީފައިވަނީ ”ވާދޫ އައިލެންޑް، މޯލްޑިވްސް – ލުމިނަސް ބްލޫ“އެވެ.

މި ހާއްސަ ޑިޒައިނަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރ. ވާދޫގެ ރެދަންލާ ގޮނޑުދޮށްތަކުން އިންސްޕަޔާވެގެން ހަދާފައިވާ ޑިޒައިނެކެވެ. މިއީ މިރަށުގެ ގޮނޑުދޮށްތަކުން ފެންނަ ހިތްގައިމު އަލިކަން ދައްކުވައިދޭ ޑިޒައިނެކެވެ.

އަސޫސްގެ ހާއްސަ ޒެންބުކްގެ ސިގްނޭޗާ އެޑިޝަން ސީރީޒްގެ އައު ޑިޒައިންތައް ދައްކާލީ އިޓަލީގެ ވެރިރަށް މިލާންގައި ކުރިއަށްދާ ”ޑިޒައިން ޔޫ ކޭން ފީލް“ އެގްޒިބިޝަން“ ގައި މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

މި ލެޕްޓޮޕް ޑިޒައިންކޮށްފައި ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ވަކި މޫސުމަކަށް ރޭގަނޑު ރެދަނުން ގޮނޑުދޮށް ދިއްލޭ މަންޒަރުގެ ފޮޓޯތަކުގެ ތެރެއިން އިންޓަނެޓްގައި މަޝްހޫރުވެފައިވާ ރ. ވާދޫގެ ފޮޓޯ އަސްލަކަށް ބަލައިގެންނެވެ.

އެ ފޮޓޯގައި ވާދޫގެ ގޮނޑުދޮށް ނޫކުލައިގެ ތަރިތަކެއްހެން ވިދާ ބަބުޅާ މަންޒަރު ފެންނަ ގޮތަށް ލެޕްޓޮޕްގައި ވެސް ހިތްގައިމު ޓެކްސްޗާއަކާ އެކު އެގޮތަށް ސިފަކޮށްދީފައިވެއެވެ.

ޒަމާނުން ސުރެ ރެދަންލުމަށް މަޝްހޫރު ވާދޫގެ ގޮނޑުދޮށްތަކުގެ ވާހަކަ ހާއްސަކޮށް 2013 ވަނަ އަހަރުން ފެށިގެން ދަނީ މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުންނެވެ.

ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ވެސް އެ ރަށަށް ލިބިފައި ވެއެވެ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައިވާ ހިތްގައިމު ފޮޓޯތައް ބޭރު ދުނިޔޭގެ ނޫސްތަކުންނާއި އެހެނިގެން މަންސަތަކުން ފެނެއެވެ. ބޮޑެތި ޓްރެވެލް ސައިޓްތަކުގައި ވެސް މި ވާހަކަ އެބަ އޮތެވެ.

ރ. ވާދޫގެ ނަމަށް ނިސްބަތްކުރެވޭ ލެޕްޓޮޕް ނޫކުލައިގައި —-

މީގެ އަހަރުތަކެއް ކުރިން 2014 ވަނަ އަހަރު ސީއެންއެންގެ ޓްރެވަލް އެޑިޝަނުގައި ވެސް ރ. ވާދޫ ވަނީ ފީޗާކޮށްފައެވެ.

ކޮންމެހެން ދެކިލަން ޖެހޭ 15 ގުދުރަތީ މަންޒަރު މި ސުރުހީގެ ދަށުން ސީއެންއެންގައި ގެނެސްދީފައިވާ ލިސްޓްގެ އެންމެ ކުރީގައި ހިމަނާފައި އޮތީ ވާދޫއެވެ.

މީގެ އިތުރުން ވެސް ޖަޕާނުގެ ޓީވީ ސްޓޭޝަންތަކާއި، ބީބީސީ އަދި ޑިސްކަވަރީގެ ޗެނަލްތަކުން ވެސް މި މަންޒަރު ވަނީ ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފައެވެ.

ރޭގަނޑުގެ ވަގުތުގައި ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފައެވެ. އިރުއޮއްސި އަނދިރިވުމާއެކު، އެ ރަށު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެއެވެ.

ރެދަނަކީ މޫސުމީ ކަމެކެވެ. އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ނޫނީ އެއަށް ވުރެ ގިނައިން ވެސް މި މޫސުން އަތުވެދާނެއެވެ. ވާދޫ ވަށައިގެންވާ ގޮނޑުދޮށުގައި ރެދަން ލީ ނަމަވެސް، މަންޒަރު އެންމެ ރީތިކޮށް ފެންނަނީ އެ ރަށުގެ އިރުމަތީ ފަރާތުންނެވެ.