ރާއްޖޭން އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމާ ގުޅިގެން، މައުލޫމާތު ހިއްސާކުރުމަށް ލުބްނާންގެ އަލް މަޔާދީން ޓީވީގެ ޚަބަރު ގަޑީގައި ރ. ވާދޫއަށް ނިސްބަތްވާ ނޫސްވެރިޔާ ޒިދާން މުޙައްމަދު (26) ބައިވެރިވެއްޖެއެވެ.
އަސްލު ޓީވީގައި ސީނިއަރ ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޒިދާން ބައިވެރިވެފައި ވަނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:15ގައި އަދި އަލް މަޔަދީން ޓީވީގެ 23:00ގެ ޚަބަރު ގަޑީގައި ގެނެސްދިން ސެގްމެންޓެއްގައެވެ. އެ ސެގްމެންޓުގައި، އިސްރާއީލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާވާ ގޮތަށް ޤާނޫނަށް ގެނައި އިސްލާހުގެ އިތުރުން މިކަމާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން، އޭނާ ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
އެ ޓީވީ ޗެނަލްއަކީ އެކްސްގައި 2.2 މިލިއަނަށްވުރެ ގިނަ މީހުން އަދި ފޭސްބުކްގައި 7 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯކުރާ ލުބުނާނުގެ ބެއިރޫތުގައި މައި ސްޓޭޝަން ހުންނަ މަގުބޫލު ޓީވީ ޗެނަލްއެކެވެ.
2018 ވަނަ އަހަރު ދުވަސް ނޫހުން ނޫސްވެރިކަމަށް ނުކުތް ރ. ވާދޫ ލައިވްގެ ފައުންޑަރއެވެ. އޭނާ ބްރޯޑްކާސްޓިން ދާއިރާގެ ތެރެއަށް ވަދެފައި ވަނީ ސަންގު ޓީވީންނެވެ. ނަމަވެސް ޓީވީ ޕްރޮގުރާމެއް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ ވީޓީވީގައެވެ.
ޒިދާން ވަނީ ދުވަސްގެ އިތުރުން، މިއަދު ނޫހާއި ސަންގު ޓީވީ އަދި ވީޓީވީގައި މަސައްކަތްކޮށްފައެވެ.
