ރ. ވާދޫ ކައުންސިލް ފުޓްސަލްކަޕް 2025 އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އެކަން އިއުލާންކޮށްފިއެވެ.
އެ ޢިއުލާންގައި ބުނީ، ރ. ވާދޫ ކައުންސިލް ފުޓްސަލްކަޕް 2025 އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2025 މެއި 22 ވަނަ ދުވަހުން ފެށިގެން 2025 ޖޫން 01 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރުމަށް އެދޭ ކަމަށެވެ. ނަންނޯޓުކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
”މަސައްކަތާ ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2025 ޖޫން 01 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:45 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2025 ޖޫން 18 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2025 ޖޫން 18 ވާ ބުދަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.“ ވާދޫ ކައުންސިލުން ކުރި އިއުލާންގައި ބުނެފައިވެއެވެ.
މި ރަށު ކައުންސިލުން ބުނީ، މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނެގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައި ކަމަށް އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށްވެސް ވަނީ ބުނެފައެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކުރާ ފަރާތުގެ ނަމުގައެވެ.
މިމުބާރާތް މިދިޔަ އަހަރުވެސް ބާއްވާފައިވާއިރު ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.
މި މުބާރާތް އޮންނާނީ، ރ. ވާދޫ ފުޓްސަލް ގްރައުންޑްގައެވެ. މިދިޔަ އަހަރު މުބާރާތުގެ ތަށި އުފުލާލީ ފައިނަލް މެޗްގައި ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދައި ފްލައިން ޑަޗްމެންއެވެ.
ރ. ވާދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ވާދަކުރީ ތިން ޓީމެވެ. އެއީ ފްލައިން ޑަޗްމެންއާއި ނިއުބޯން އެފްސީގެ އިތުރުން ބްލެކް ފެންޓަސީއެވެ.
”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދީފައިވަނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ.
