ރ. ވާދޫ ކައުންސިލް ފުޓްސަލްކަޕް 2025 ހިންގައިދޭން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރުމުން، ރ. ވާދޫ ކައުންސިލް ފުޓްސަލްކަޕް 2025 އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނީ، ރ. ވާދޫ ކައުންސިލް ފުޓްސަލްކަޕް 2025 އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް 22 މެއި 2025ގައި ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާތިލްކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރާ ކަމަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 19 ޖޫން ވަނަ ދުވަހުން ފެށިގެން 1 ޖުލައި ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ގެޒެޓްކޮށްފައިވާ އިއުލާންގައި ނަންނޯޓުކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
”މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2025 ޖުލައި 01 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2025 ޖުލައި 13 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2025 ޖުލައި 13 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.“ ވާދޫ ކައުންސިލުން ކުރި އިއުލާންގައި ބުނެފައިވެއެވެ.
މި ރަށު ކައުންސިލުން ބުނީ، މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނެގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައި ކަމަށް އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށްވެސް ވަނީ ބުނެފައެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ، ނަންނޯޓުކުރާ ފަރާތުގެ ނަމުގައެވެ.
މިމުބާރާތް މިދިޔަ އަހަރުވެސް ބާއްވާފައިވާއިރު ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.
މި މުބާރާތް އޮންނާނީ، ރ. ވާދޫ ފުޓްސަލް ގްރައުންޑްގައެވެ. މިދިޔަ އަހަރު މުބާރާތުގެ ތަށި އުފުލާލީ ފައިނަލް މެޗްގައި ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދައި ފްލައިން ޑަޗްމެންއެވެ.
ރ. ވާދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ވާދަކުރީ ތިން ޓީމެވެ. އެއީ ފްލައިން ޑަޗްމެންއާއި ނިއުބޯން އެފްސީގެ އިތުރުން ބްލެކް ފެންޓަސީއެވެ.
”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދީފައިވަނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ.
