”ޕްލާސްޓިކުން އެއްކިބާވެފައިވާ ސާފު ފެހި އުނގޫފާރު“ގެ ނަމުގައި ސިންގަލް ޔޫސް ޕްލާސްޓިކް ކަލެޓް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ރ. އުނގޫފާރު ސްކޫލުން ފަށައިފިއެވެ.
މިޕްރޮގްރާމަކީ އުނގޫފާރު ސްކޫލްގެ ސޭވް ކުލަބުގެ އިސްނެގުމާއިއެކު އުނގޫފާރުގެ ހުރިހާ މުއައްސަސާތަކެއް ބައިވެރިވެގެން ކުރިއަށް ގެންދާ ވަރަށް ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ޔޫ.އެން.މީ ރިސޯޓާއި ކޯރާ ކޯރާ މޯލްޑިވްސް އަދި ޕަރލޭގެ ބައިވެރިވުމާ އެކުގައެވެ.
މި ޕްރޮގްރާމްގައި ފަންނީ އެހީތެރިކަމާއި ފުޅި ކަލެކްޓްކުރުމަށް ބޭނުންކުރާ ބޭގުތައް ފޯރުކޮށްދެނީ ޕަރލޭގެ ފަރާތުންނެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ 25 ޖޫން 2025 ވީ ބުރާސްފަތި ދުވަހު ރ. އުނގޫފާރުގެ ކައުންސިލް ބީޗްގައި ބޭއްވި ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވީ ޔޫ.އެން.މީ ރިސޯޓްގެ ޖެނެރަލް މެނޭޖަރ އިމްތިޔާޒް މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި އުނގޫފާރު މުއައްސަސާތަކުގެ ވެރިންނާއި، ކޯރާ ކޯރާ މޯލްޑިވްސްއާއި ޔޫ.އެންމީ ރިސޯޓްގެ ވެރިންނާއި އަދި ސްކޫލްގެ ގްރޭޑް 4 އިން މަތީގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
އުނގުފާރު ސްކޫލްގެ ސޭވް ކުލަބަކީ 2008 ވަނަ އަހަރު މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި ގަސްއިންދިމުގެ ޕްރޮގާމްތަކެއް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްއިވާތީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ އަތްޕުޅުން ފެހިފަތުގެ އެވޯޑްވެސް ހާޞިލްކޮށްފައިވާ ކުލަބެކެވެ.
މިޕްރޮގްރާމްގައި ކަލެކްޓްކުރާ ޕްލާސްޓިކް ފުޅިތައް ފޮނުވާލުމަށް ހަމަޖެހިފައިވަނީ ތިލަފުށްޓަށެވެ.
