ދެމެހެއްޓެނިވި ޓައުންޝިޕްތަކެއް ތަރައްގީ ކުރެވޭގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ސިނާއީ، އިގުތިސާދީ، އިޖުތިމާއީ، މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމެވެ. އަދި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓުތައް އިތުރުކޮށް، ބޭރު ފައިސާ ލިބޭ މިންވަރު މަތިކުރުމުގެ އިތުރުން އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެއަށް ނަގުލުކުރުމަކީ ވެސް މި ބިލުގެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ބިލުގައި ވަނީ ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމާ ގުޅޭގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އާ ބާބެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. މީގެ އިތުރުން ގާނޫނުގެ ނުވަ ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ ފަހަތަށް އާ މާއްދާއެއް އިތުރުކުރުމާއި، 20 ވަނަ މާއްދާގެ (އ) އަށް އަކުރެއް އިތުރުކުރުމާއި، 22 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމާއި، 70 ވަނަ މާއްދާގެ ފަހަތަށް ބާބެއް އިތުރުކުރުން ވެސް ހިމެނެއެވެ.

ޓައުންޝިޕް ޒޯންތަކުގެ މައިގަނޑު ޝަރުތުތައް

ސަސްޓެއިނަބަލް ޓައުންޝިޕް ޒޯނެއް ގާއިމުކުރުމަށްޓަކައި، އެ ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ގާއިމުކުރަން ޖެހެއެވެ. ހަމައެއާއެކު، ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ވެސް ޒޯނުގައި ގާއިމުކުރުމަށް ބިލުގައި ޝަރުތުކޮށްފައިވެއެވެ.

އިންސާނީ ވަސީލަތްތަކާއި ތިމާވެށީގެ ކަންކަމަށް މި ބިލުގައި ވަނީ ބާރުއަޅާފައެވެ. ޒޯނުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނު ދޭ މަރުކަޒަކާއި، ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރަން ޖެހެއެވެ. އަދި ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތަށް، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް ޒޯނުގައި ގާއިމުކުރަން ޖެހެއެވެ.

ދެމެހެއްޓެނިވި ކަމަށް އިސްކަންދޭ ގޮތުން، ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އަކީ ސެލްފް ސަފިޝަންޓް ނިޒާމަކަށް ވާންޖެހެއެވެ. ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ވާންޖެހޭނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ސަލާމަތީ ކަންކަން އިތުރުކުރުމަށްޓަކައި، ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.

ތަރައްގީކުރާ ފަރާތްތަކަށް ހާއްސަ ޓެކްސް އިނާޔަތްތައް

މި ޓައުންޝިޕްތައް ތަރައްގީކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، ބިލުގައި ވަނީ ޓެކްސްގެ ބޮޑެތި ލުއިތަކެއް ހިމަނާފައެވެ. އޭގެ ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ބައެއް ޓެކްސްތައް ދައްކަން ނުޖެހުމާއި، ޒޯން ތަރައްގީކުރަން އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ އިސްތިސްނާ ކުރުން ހިމެނެއެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގައި ވެސް ވަނީ ހާއްސަ ރޭޓްތަކެއް ކަނޑައަޅާފައެވެ. ޒޯނުގައި ހިންގާ ވިޔަފާރި ހަރަކާތްތަކުގެ ވިޔަފާރީގެ އާމްދަނީން ނަގާ ޓެކްސް، ފުރަތަމަ 10 އަހަރަށް ފަސް ޕަސެންޓް (5%) އަދި 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 ޕަސެންޓް (10%) ގެ ރޭޓަކުން ނެގުމަށް ވަނީ ކަނޑައަޅާފައެވެ. 21 ވަނަ އަހަރުން ފެށިގެން ޓެކްސް ނަގާނީ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު ރޭޓުންނެވެ. މީގެ އިތުރުން، ޒޯނުގައި ހިމެނޭ ވިލާތަކާއި ކޮޓަރިތައް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމާ ގުޅިގެން ނަގާ ޕްރޮޕަޓީ ޓްރާންސްފާ ޓެކްސް ނެގޭނެ ހާއްސަ ރޭޓްތަކެއް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.