ހަލާލު ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ރަށްތަކެއް ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މީސްމިޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގައި ހަލާލު ފަތުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ފަތުރުވެރިކަމަކީ ދުނިޔޭ މަޤްބޫލުކަން ހޯދާފައިވާ ސިނާޢަތެއް ކަމަށެވެ. އެގޮތުން މިސިނާޢަތުގެ ދެމެހެއްޓެނިވިކަމާއި ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަޖުރިބާއާއި ޚިދުމަތަކީ ނަމޫނާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ހަލާލު ފަތުރުވެރިކަން ތަޢާރަފްކޮށް އެކަމުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމަށްވުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން، ހަލާލު ފަތުރުވެރިކަމަށް ޚާއްސަ ރަށްތަކެއް ތަރައްޤީކުރުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިކަން ކުރާނީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކާއި ލުއިތަކެއް ލިބޭގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެސަބަބުން ސިނާޢަތް ސިންދަފާތުވެ ފަތުރުވެރިކަމުގެ އިތުރުން އުފެއްދުންތައްވެސް ފޯރުކޮށްދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިކަމުގެ އިތުރު ތަފްސީލު އަންނަ ހަފްތާގައި ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން އާންމު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ އޮތީ ދުނިޔޭގެ ކަންކޮޅުތަކުން އިންވެސްޓްމަންޓްތައް ގެނެސް، އިންވެސްޓަރުންނަށް ހުޅުވާލަން ތައްޔާރުވެފައި ކަމަށެވެ.
ރާއްޖޭގައި ހަލާލު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މަތީ ފަންތީގެ ފަތުރުވެރިކަން ހިމެނޭހެން ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިސްތިހާރުކޮށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
