ރ. ފައިނުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުންނާއި ޓީޗަރަށް ސަރުކާރުގެ މައި ހޮސްޕިޓަލް – އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން ބުނީ ދެ ކުދިންނާއި ޓީޗަރަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާއާ ގުޅޭ ތަފުސީލެއް މިހާތަނަށް ދީފައިނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި އެކްސިޑެންޓުވީ، 18 އަހަރު ނުވާ ދެ ކުދިން ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް، ކަސްރަތަށް ނުކުމެ ހިނގަން ތިބި ދެ މީހުންގެ ގައިގައި ޖެހިގެންނެވެ.

އެ ދެ މީހުންނަކީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ ތެރެއިން ދެ ކުދިންނާއި ޓީޗަރަށްވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ މީހުންވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 7:30 ހާއިރު ހިނގި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އެރޭ 8:30 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.