އާންމުންގެ ކަންބޮޑުވުންތަކާއެކު ރ. ވާދޫއިން ރުއްނެގުމުގެ މަސައްކަތް ހުއްޓާލަައިފިއެވެ.
ވާދޫއިން އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި ހުރި ރުއްތައް ނަގައިދޭނެ ފަރާތެއް ކަނޑައެޅީ ދެ ފަހަރެއްގެ މަތިން އެކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާންކޮށްގެންނެވެ.
އިޢުލާންކުރުމުން، ޕްރޮމޯސަލް ހުށަައިގެން، ވާދޫގައި އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި ހުރި 206 ރުއް ނަގައިދިނުމުގެ މަސައްކަތް ކާމިޔާބުކުރި ފަރާތުން އެ މަސައްކަތްކުރަމުން ދަނިކޮށް، އެ ކަައުންސިލުން ވަނީ މަސައްކަތް ހުއްޓުވާފައެވެ. އެކަން އެގޮތަށް ކުރީ ރައްޔިތުންގެ ޝަކުވާތަކެއް ހުރުމުންނެވެ.
ރައްޔިތުންގެ މައިގަނޑު ޝަކުވާއަކީ ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުން ވެސް ހަމައެއްލަމައެއް ނެތި ރުއް ނަގަމުންދިޔުމެވެ. މީގެ އިތުރުން، ވާދޫއިން ނަގައިގެން ރަށުން ބޭރުކޮށް ރ. ފުއްގިރިއަށް ގެންދާ ރުއްތަކުގެ ތެރެއިން މަރުވާ ރުއްތަކާއި ކުނިބުނި އަނބުރާ ރަށަށް ގެނައުމެވެ.
މިކަމާ ގުޅިގެން، ރ. ވާދޫ ކައުންސިލްގެ ރައީސް ހުސަައިން ޢަލީއާއި ޒިންމާދާރު ވެެރިޔާ އަޙްމަދު ޒިޔާޢު އަދި އިންފޮމޭޝަން އޮފިސަރއަށް ރ. ވާދޫ ލައިވްއިން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައި ނުވާތީ، އެ ކައުންެސިލްގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.
ރ. ވާދޫއިން ގަވައިދާ ޚިލާފަށް ރުއްތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ – އީޕީއޭއިން ވެސް ދަނީ ބަލަމުންނެވެ.
ރ. ވާދޫ ކައުންސިލާ ހަވާލާދީ އީޕީއޭއިން ވަނީ، އެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވާކަމަށާއި އެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށް ބުނެފައެވެ.
އީޕީއޭއިން ބުނީ، ކައުންސިލުން ހޯދަން ޖެހޭ މަޢުލޫމާތުތައް ހޯދައި، ޕްރޮސީޖަރތައް ފޮލޯކުރާނެ ކަމަށެވެ.
