ހުލަނގުމޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވެފައި ވާތީ، މޫސުން ހަމައަކަށް އެޅެންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގަދެ ކަނޑު ގަދަ ކަމަށެވެ. އެހެންކަމުން މޫދުކުޅިވަރާއި މޫދުގައި ހިންގާ ތަފާތު އެހެން ހަރަކާތްތައްވެސް މޫސުން ރަނގަޅު ނުވަނީސް ކުރިއަށް ނުގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެ ޚިދުމަތުން ބުނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ. އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ރައްކާތެރިކަމަށްކަން ފާހަގަކުރަމުން ބުނީ، ކަނޑު ދަތުރުތަކުގައި ފުރުމުގެ ކުރިން މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ބެލުމަށް އިލްތިމާސްކުރާ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ބަލައި ކަނޑުގަދަ ވަގުތުތަކުގައި ދަތުރުތައް ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާއިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސްކުރެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް އެ އިދާރާއިން ބުނެއެވެ.