ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ 2025ގައި ރ. އަލިފުށްޓަށް ނިސްބަތްވާ ލަސަން މުޙައްމަދު، ހޯދި ކާމިޔާބީއަށް ރ. އަތޮޅު ކައުންސިލުން މަރުހަބާ ކިޔައިފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ، ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ 2025 ގައި މުޅި މުބާރާތުން ފަހުރުވެރި 2 ވަނަ ހާސިލްކޮށް އަތޮޅާއި ރަށަށް ރީތި ނަމާއި ފަހުރާއި ޝަރަފް ހޯދައިދިން ރ. އަލިފުށި، މަލާއީ، ލަސަން މުހައްމަދަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.
2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.
ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ ”ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ 2025“ މުބާރާތުގެ އެއްވަނަ ލިބިފައި ވަނީ އާއިޝަތު ފިނާ ފިރާޤަށެވެ. މިއީ މި މުބާރާތުގެ 6 ވަނަ ސީޒަންއެވެ.
މިއަހަރުގެ މި މުބާރާތަށްވެސް ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން، މުބާރާތުގެ ޓައިޓަލް ކާމިޔާބުކުރި ފިނާއަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.
މީގެއިތުރުން މުބާރާތުގެ 2 ވަނަ ހާސިލްކުރި ލަޝަންއަށް 20،000 އަދި 3 ވަނަ ހާސިލް ކުރި އަލީ ޖައިޝަންއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އިތުރު އިނާމްތައްވެސް ދީފައިވެއެވެ.
