ރަޖިސްޓަރީކޮށްގެން ހިންގާ، ރ. ވާދޫއަށް ނިސްބަތްވާ ހަމައެކަނި ނޫސް އަދި މިރަށަށް ނިސްބަތްވާ ފުރަތަމަ ނޫސް، ރ. ވާދޫ ލައިވް ރީބްރޭންޑްކޮށް، އައު ވެބްސައިޓާއި ލޯގޯ އިފުތިތާހުކޮށްފިއެވެ.
ރ. ވާދޫ ލައިވްގެ އައު ބްރޭންޑިންގ އިފުތިތާހުކޮށް، އާންމުކޮށްފައި ވަނީ ހޯމަދުވަހު، ސޯޝަލްމީޑިއާގެ މަންސަތައް މެދުވެރިކޮށެވެ.
ރ. ވާދޫ ލައިވްގެ އައު ބްރޭންޑިންގެ ހުރިހާ އުފެއްދުމެއް ފަރުމާކޮށްފައި ވަނީ، ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ މަގުބޫލު އާޓިސްޓް، އަދި ރާއްޖޭގެ މަގުބޫލު ރެކޯޑް ލޭބަލް ސިމްބޮލިކް ރެކޯޑްސްގެ ކްރިއޭޓިވް ޑިރެކްޓަރ، މުސްޠަފާ މުޙައްމަދު (ކުލަފިހި މުސްތޮ)އެވެ.
މިނޫހުގެ ފުރަތަމަ ބްރޭންޑިންގ ތައްޔާރުކޮށްދިނުމުގެ އިތުރުން ”ކުލަފިހި“ ވަނީ މީގެ ކުރިންވެސް މިނޫހުގެ މުހިންމު ގްރެފިކްސް މަސައްކަތްތަކެއްކޮށްފައެވެ.
ރ. ވާދޫ ލައިވްގެ އެޑިޓަރ ޒިދާން މުޙައްމަދު ވަނީ، ރ. ވާދޫ ލައިވްގެ އައު ލޯގޯގެ ފަރުމާއާ ގުޅޭ ތަފްސީލުތައް ރ. ވާދޫ ލައިވްގެ ނިއުސްޓީމާ ހިއްސާކޮށްފައެވެ. ކުރިން ބޭނުން ކުރަމުން އައި ރަތްކުލައިގެ ބަދަލުގައި، އައު ލޯގޯ އަދި ބްރޭންޑިންގައިވާ ފެހި ކުލައިން ރަމްޒުކޮށްދެނީ، މިނޫސް އެ ރަށަކުން އުފަންވި، ރ. ވާދޫގެ ގުދުރަތީ ފެހިކަމާއި ފެހިމާދަމާއަކަށް ކުރެވޭ އުންމީދު ކަމަށް ޒިދާން ވިދާޅުވިއެވެ.
އެޑިޓަރ ވިދާޅުވި ގޮތުގައި، ލޯގޯގައި ރ. ވާދޫގެ މަތިން ފޮޓޯއެއް ނަގާއިރު ރަށް ފެންނަ ބަށްޓަމަށް އެލަމެންޓެއް ހިމަނާފައި ވަނީ، ނޫހުގެ އަސްލަކީ ކޮބައިކަން ބުނެދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި ތާނައަކުރު ”ވ“ ރަމްޒުވާ ގޮތަށް ހިމެނޭ އެލަމެންޓަކީ، މިނޫހުގެ އިދާރާ ހުރި ވާދޫގެ ފެށޭ އަކުރު ލޯގޯއިން ދައްކައިދިނުމަށް ހިމަނާފައިވާ އެލަމެންޓެއް ކަމަށެވެ.
މިނޫހުގެ ބްރޭންޑިންގައި ހިމެނޭ ހެކްސް ކަލަރ ކޯޑުތަކަކީ ހޭޝް (#) 0D8545، 6ED35F، 53C425 މިއެވެ.
ބްރޭންޑިންއަށް ގެނެވުނު ބަދަލާއެކު، މިނޫހުގެ ވެބްސައިޓަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ދިވެހިރާއްޖޭގައި މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުން އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ވުޒާރާ، ’މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް’އިން ރ. ވާދޫ ލައިވް ރަޖިސްޓަރީކޮށްދީފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހުގައެވެ.
ރ. ވާދޫ ލައިވް ރަޖިސްޓަރީކޮށްދީފައިވާއިރު މިނޫހުގެ މަސްޢޫލުވެރިއަކީ ނޫސްވެރިކަމުގެ ދާއިރާގައި 8 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް މިދާއިރާގައި ޚިދުމަތްކުރައްވަމުން އަންނަ ޒިދާން މުޙައްމަދުއެވެ. އަދި މިނޫސް ފުަރަތަމަ ރަޖިސްޓަރީކޮށްފައިވަނީ މިދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކުރުމުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި 15 އަހަރު ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ޒަމްޢަތު އަޙްމަދު ވަހީދުގެ އެޑިޓަރުކަމުގައެވެ.
ނަމަވެސް، މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭނާ އައްޔަންކުރެއްވުމުން، ޒަމްޢަތު ވަނީ އެޑިޓަރުގެ މަގާމުން އިސްތިޢުފާދެއްވާފައެވެ. އެއާއެކު، މިނޫހުގެ ހިންގުން ވަނީ، ރ. ވާދޫ ލައިވްގެ މަސްއޫލުވެރިޔާގެ އެޑިޓަރުކަމަށް ބަދަލުކޮށްފައެވެ.
މިއަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހަކީ މިނޫހަށް 5 އަހަރު ފުރޭ އަހަރީ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަސް އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މިނޫހުން 2021 ވަނަ އަހަރުގެ އެ ދުވަހުން ފެށިގެން ޚިދުމަތް ދެމުން އަންނާތީއެވެ.
