ބޭންކް އޮފް މޯލްޑިވްސްއިން ރ. ދުވާފަރުގައި ބޭންކުގެ ބްރާންޗެއް ހުޅުވައި ޚިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.

މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު އަދި ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިންގ އޮފިސަރ ސަހާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ދުވާފަރުގައި ހުޅުވި އައު ބްރާންޗުން ”އިސްލާމިކް ފައިނޭންސް ފަސްޓް“ ޕޮލިސީގެ ދަށުން ދެމުންދާނީ އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދީގެންނެވެ.

މިއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިންގ ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ހައްލުތަކާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. ބޭންކުގެ ޚިދުމަތް ލިބޭ ތަންތަން އިތުރުކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަރޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން މަސައްކަތްކުރަމުން ދާނެއެވެ.

1982 ވަނަ އަހަރު ބޭންކުގެ ފުރަތަމަ ބްރާންޗް ހުޅުވީ މާލޭގައެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެ ގޮތަށް ބޭންކުން ދަނީ ޚިދުމަތްތައް ފުޅާކުރަމުންނެވެ. ދުވާފަރުގައި މިއަދު ހުޅުވުގެން ދިޔައީ ބޭންކުގެ 40 ވަނަ ބްރާންޗެވެ.