މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް އިއްޔެ ނެރުނު ހުދު ސަމާލު ފަސް ވަނަ ފަހަރަށް ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން އެންމެ ފުރަތަމަ ސަމާލު ނެރުނީ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ހަމައަށް އިއްޔެ ހެނދުނު 9:45 އިން 3:30 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ބުނެއެވެ.
ނަމަވެސް މެޓުން ވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އިއްޔެ ރޭ 9:30އާ ހަމައަށް ސަމާލު ދަންމާލާފައެވެ. އަދި އޭގެ ފަހުން، ޖެހިޖެހިގެން ތިންފަހަރަށް ސަމާލު ދަންމާލައި މެޓް އޮފީހުން ވަނީ މިރޭ 9:30އާ ހަމައަށް ސަމާލުގެ މުއްދަތު އިތުރުކޮށްފައެވެ.
މެޓް އޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭވެހުމާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއާއެކު، ކަނޑުތައް ގަދަވެ، އުދައަރާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
ހަފުތާ ބަންދު ފެށުމާއެކު، ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ މޫސުން ގޯސްވެފައެވެ. އެހެންވެ، ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އެދިފައެވެ.
އެ އިދާރާއިން ބުނީ މާދަމާގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އެހެންވެ، ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރު ކުރަން ޖެހޭ ފަރާތްތަކުން ވެސް، ދަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެފަހު މައުލޫމާތު ހޯދަން އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
ނަކަތަށް ބަލާއިރު މިއީ ހުޅަނގު މޫސުމުގެ 8 ވަނަ ނަކަތް ފުސް ނަކަތެވެ. ފުސް ނަކަތަކީ ޖުލައި މަހުގެ15 ވަނަ ދުވަހުން ފެށިގެން28 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. އަދި އެވްރެޖްކޮށް 88.6 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ.
މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.
މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ.
18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު ’ރޭވަ‘ ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.
ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:
- އައްސިދަ
- ބުރުނު
- ކެތި
- ރޯނު
- މިއަހެލި
- އަދަ
- ފުނޯސް
- ފުސް
- އަހުލިހަ
- މާ
- ފުރަ
- އުތުރަ
- އަތަ
- ހިތަ
- ހެއި
- ވިހާ
- ނޮރަ
- ދޮށަ މިއެވެ.
