އާބާދީގައި 24،615 (ސައުވީސްހާސް ހަސަތޭކަ ފަނަރަ) ހިމެނޭ މާޅޮސްމަޑުލު އުތުރުބުރި ނުވަތަ ރ. އަތޮޅަކީ އާބާދީގެ ނިސްބަތުން ދިވެހިރާއްޖޭގެ 3 ވަނައަށް އާބާދީ އެންމެ ބޮޑު އަތޮޅެވެ. ރ. އަތޮޅުގެ ރަށްރަށުގެ ދަފުތަރުގައި މީހުން ދިރިއުޅޭ 15 ރަށާއެކު ޖުމުލަ 88 ރަށް ހިމެނޭ މިއަތޮޅަކީ މުޅި ރާއްޖޭގެ ނިސްބަތުން 3 ވަނައަށް އެންމެ ރަށްތަކުގެ އަދަދުވެސް ގިނަ އަތޮޅެވެ. އަދި މީގެ އިތުރުން މިލަދުންމަޑުލު ދެކުނުބުރީ (ނ. އަތޮޅު)އާއި ފާދިއްޕޮޅު (ޅ. އަތޮޅު)ގެ ހުޅަނގުން، މާޅޮސްމަޑުލު ދެކުނުބުރި (ބ .އަތޮޅު)ގެ އުތުރުން އޮންނަ މި އަތޮޅަކީ، އަތޮޅުގެ ސަރަޙައްދުގެ ބޮޑުމިނަށް ބަލާއިރު މުޅިރާއްޖޭގެ 3 ވަނައަށް އެންމެބޮޑު އަތޮޅުވެސްމެއެވެ.

އަތޮޅު އުފެދުނު ގޮތް

ގުދުރަތީ ގޮތުންނާއި އިދާރީގޮތުން އެއް އަތޮޅެއްގެ ގޮތުގައި އޮތް މާޅޮސްމަޑުލު އިދާރީގޮތުން ދެބައިކޮށް، ވަކި ދެ އަތޮޅެއްގެ ގޮތުގައި ހިންގުމަށް، ސަރުކާރުން ކަނޑައެޅުއްވުމަށްފަހު، އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަނގަށް އޮންނަ ހަނިކަނޑުގެ އުތުރުން ދެބުރިދޭތެރެވާދޫގެ އުތުރުގައިވާ ބައިގެ ރަށްތަކާއި ދެކުނުގައިވާ ރަށްތަކާ މިދެބަޔަކީ އިދާރީގެ ގޮތުން ވަކި ދެބައެއް ކަމުގައި ހަމަޖައްސަވައި، އޭރު ދިވެހިރާއްޖޭގައި އޮތް ސަރުކާރުން އަލްމަރްޙޫމް އިބްރާހީމް ނާޞިރު، 1964 ފެބްރުއަރީ 8ގައި، އެކަން އިޢުލާން ކުރެއްވުމާ ގުޅިގެން އުފެދުނު އިދާރީ އަތޮޅެކެވެ. މިދެންނެވި ހަނިކަނޑުގެ އުތުރުގައިވާ ބަޔަކީ މާޅޮސްމަޑުލު އުތުރުބުރި (ރ. އަތޮޅު)އެވެ. މާޅޮސްމަޑުލު އުތުރުބުރި ނުވަތަ ރ. އަތޮޅަކީ ކިއްސަރު ވަޑާމާއި ތެދުއުއިވަޑާމަށް އަދި މަސްވެރިކަމަށް ޚާއްޞަ އަތޮޅެކެވެ.

ރ. އަތޮޅުގެ ރަށެއްގެ މަތިން ފެންނަ ގޮތް —-

އަތޮޅުގެ ފުރަތަމަ ނަން

މި އަތޮޅަށް ފުރަތަމަ ކިޔަމުން އައި ނަމަކީ، މާޅޮސްމަޑުލެވެ. ނަމަވެސް، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެއް އުޞޫލަކުން ނަން ކިޔުމަށް ބެލިއިރު، މި ގޮތަށް ޕާޓިޝަނުން ވަކިކޮށްފައިވާ ހުރިހާ ޖިއޮގްރަފިކަލް އަތޮޅެއް ވެސް ބައި ކުރެވިފައި ވަނީއުތުރުބަޔަކާ ދެކުނު ބަޔަކަށް ކަމަށް ވުމުން، އެ އަތޮޅުތަކަށް ނަން ކިޔެން ޖެހެނީ، އުތުރުބުރިއަކާ ދެކުނުބުރިއެއްގެ ގޮތުން ކަމަށް ވާތީ، އެ އުޞޫލުގެދަށުން، މި އަތޮޅުގެ ނަން ވެސް، މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) ކަމުގައި ހަމަޖެއްސެވީއެވެ.