ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު މެންދުރުފަހު މާލެއަށް ވަޑައިގެންނެވުމުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައެވެ. ވެރިރަށުން މޯދީއަށް މާލެއިން އިސްވެ މަރުހަބާ ވިދާޅުވީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެއަށް ފަހު މޯދީ ވަނީ ރައީސް މުއިއްޒާ އެކު، ސްކޫލްތަކުގެ ދަރިވަރުން ހުށަހަޅައިދިން އައިޓަމެއް ޖުމްހޫރީ މައިދާނުގައި ބައްލަވާލައްވައިފައެވެ. އަދި ދިވެހި އަސްކަރިއްޔާއިން ވަނީ މޯދީގެ އިއްޒަތުގައި ޝަރަފުގެ ބަޑި ޖަހައިފައެވެ. 21 ބަޑީގެ ސަލާމަކަށް ފަހު، ސިފައިންގެ ބޭންޑުން ވަނީ ދެ ގައުމުގެ ގައުމީ ސަލާން ހުށަހަޅައިދީފައެވެ.

މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން އޮތީ ވަރަށް ބޮޑަށް ޒީނަތްތެރި ވެސް ކޮށްފައެވެ. އެ ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިގެ ހަރުކޮށްފައެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތްތައް ބައްލަވާލެއްވުމަށް ފަހު، މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް މޯދީ ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާ އެކުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒަށާއި، ވަޒީރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚާބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ވަޒީރުންނާ ޚާރިޖިއްޔާގެ އިސް ބޭފުޅުންވެސް ވަނީ އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، އެ ޤައުމުގެ މަތީ ފަންތީގެ ވަފުދެއްވެސް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

https://x.com/presidencymv/status/1948694382883868782

ދިވެހި ދައުލަތުން ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ ސަރުކާރުގައި އަރުވާފައެވެ.

އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މި ޢިއްޒަތް އެރުވުމަށް ނިންމެވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ޤައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، މީގެކުރިން ބޭރުގެ ބައެއް ޢިއްޒަތްތެރިންނަށް ވަނީ އަރުވާފައެވެ. އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އަރލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސަރ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ. މީގެއިތުރުން 2 ޑިސެންބަރު 2009 ގައި ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދަށް، އަދި 4 ޖޫން 2013 ގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހަށް މި ޢިއްޒަތް އަރުވާފައިވެއެވެ.