ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހުޅުމާލޭގައި މަގުމަތީ ހިނގާލުން މިއަދު ބާއްވައިފިއެވެ.
މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، އެމްއެންޑީއެފުން ވަނީ އިއްޔެ (ޖުލައި 26ވަނަ ދުވަހު) ހަވީރު މާލޭގައި، މަގުމަތީ ހިނގާލުން ބާއްވާފައެވެ. އަދި މިއަދު ހުޅުމާލޭގައި ބޭއްވި ސިފައިންގެ މަގުމަތީ ހިނގާލުމުގައި މިލިޓަރީ ބޭންޑާ އެކު، ފަސް ގެމައެއް ހިމެނިފައިވެއެވެ. މި މަގުމަތީ ހިނގާލުމުގައި ކޮމާންޑަރަކަށް ހުންނެވީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއެވެ.
މިއަދުގެ މަގުމަތީ ހިނގާލުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީވަނީ ބައްލަވާލައްވާފައެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަގުމަތީ ހިނގާލުން ފަށާފައިވަނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ލަޝްކަރު ހުއްޓުނު އިރު، އޭގެތެރޭގައި ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސް އަދި ސިފްކޯ / ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތަށް ލަޝްކަރު ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅެފައިވެއެވެ. މި ހިނގާލުން ނިންމާލީ ކަލާސީނުކޮށްޓަށެވެ.
މިނިވަން ދުވަހުގެ މުނާޞަބަތުގައި ކެޑޭޓުން ވެސް ވަނީ މިއަދު ހުޅުމާލޭގައި މަގުމަތީ ހިނގާލުން ބާއްވާފައެވެ. މި މަގުމަތީ ހިނގާލުންތައް ކުރިއަށްދިޔަ އިރު، ހިނގާލުން ކުރިއަށްދިޔަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ އާންމުން ނިކުމެ، މަގުމަތީ ހިނގާލުންތައް ބަލާލާފައިވެއެވެ.