މިނިވަންދުވަހުގެ ރޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެރުވި ކުލަދަ ހަވާއަކީ މިހާތަނަށް ރާއްޖޭގައި އެރުވި އެންމެ ބޮޑު އަދި އެންމެ ކުލަގަދަ ހަވާއެރުވުމެވެ. އެއް ވަގުތެއްގައި އެންމެ ގިނަ ސަރަހައްދުތަކެއްގައި އެންމެ ގިނައިން ހަވާ އެރުވުގެ ދުނިޔޭގެ ރެކޯޑްވެސް މުގުރާލި މިހަވާއަރުވާފައި ވަނީ ރާއްޖޭގައި މިޚިދުމަތް ދެމުން އަންނަ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ވިޔަފާރި ކުންފުނި ސިފްކޯއިންނެވެ.

ގިނަ ބަޔަކު ޝޯޚުކޮށްލި، މިހަވާއެރުވުންވީ އަނެއް ބައެއްގެ ފާޑުކިޔުން އަމާޒުވީ ކަމަކަށެވެ. ފާޑުކީ މީހުން މައިގަނޑުގޮތެއްގައި ފާޑުކިޔާފައި ވަނީ، ހަވާއެރުވުމާ ގުޅިގެން ޖައްވުތެރޭގައި ދުންގަނޑެއް ފެތުރުނީމައެވެ. ހަވާއެރުވުމުން ދުންއެރީމައެވެ. ސުވާލަކީ މިއީ ފާޑުކިޔަންޖެހޭ ވަރުގެ ބޮޑު މައްސަލައެއްތޯއެވެ؟

ފުރަތަމަ ކަމަކަށް ބަލަންވީ ހަވާއެރުވުމުން ދުންއެރުމަކީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއްތޯއެވެ؟ ނޫނީ ހަވާއެރުވުމަށް ބޭނުންކުރި ސާމާނުގެ ކޮލިޓީ ދަށީތޯއެވެ؟ މީގެ ޖަވާބު ފެކްޓް ޗެކްކޮށްލަން ހަމައެކަނި އެންމެ ގޫގުލް ސާޗެއްކޮށްލިޔަސް ލިބޭނެއެވެ. މިއީ ބޮޑެތި ތަހުގީގު ހިންގައި ނޫނީ ބޮޑު ދިރާސާއެއް ކުރަންޖެހޭ މައްސަލައެއްވެސް ނޫނެވެ. ސާފުކޮށް އެނގެން އޮތް ކަމެއްގެ ވާހަކައެވެ.

ހަވާއެރުވުމުން ދުންއެރުމަކީ މައްސަލައެއްތޯ އޮތް ސުވާލަށް ސާފު ޖަވާބަކީ ނޫނެވެ. އެއީ އޭގެ ޒާތުގައި ހަވާއެރުވުމަކީ ދުންއަރަން މެދުވެރިވާ ކަމެކެވެ. ހަވާއެރުވުމުން ދުންއަރާ މައިގަނޑު ސަބަބަކީ، ހަވާއިން ފެންނަ ކުލަވަރު އެރުވުމަށް އަދި ގޮވާ އަޑު ގޮއްވުމަށް ކެމިކަލް ރިއެކްޝަނެއް ފޯމްވެއެވެ. އެ ކެމިކަލް ރިއެކްޝަންގެ ސަބަބުން ދުން އެރުމަކީ ވާނޭ ކަމެކެވެ.

މިނިވަންދުވަހުގެ ރޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެރުވި ކުލަދަ ހަވާ — ފޮޓޯ: އަދަދު

ކުރުކޮށް ބުނާނަމަ، ދުމަކީ ގޮވުމުގެ ތެރޭގައި ދިމާވާ ކެމިކަލް ރިއެކްޝަންތަކުގެ ނަތީޖާއެއްގެ ގޮތުން އުފެދޭ އެއްޗެެކެވެ. އޭގެ ސަބަބުން ވައިގެ ކޮލިޓީ އާއި ވިޒިބިލިޓީއަށް އަސަރު ކޮށްފާނެއެވެ. ނަމަވެސް ވިޝުއަލް އެކްސްޕީރިއަންސް ރަނގަޅު ކުރުމުގައިވެސް ބައެއް ފަހަރު މިގޮތަށް އަރާ ދުން މުހިންމު ދައުރެއް އަދާކުރެއެވެ.

ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވިޔަސް، މިއީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ހަވާއެރުވުމެކެވެ. ރާއްޖެއާއި އެމްއޭސީއެލްގެ ނަން ވިދުވާލި ހަވާއެރުވުމެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޕަސެންޖަރ ޓާމިނަލް ހުޅުވުމާއި މިިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ހަވާއެރުވުން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާތީ، އެކަމާ ގުޅޭ ރަމްޒީ ލިޔުން ވަނީ އެމްއޭސީއެލްއަށް ދީފައެވެ.

ވީއައިއޭގައި ޑްރޯން ޝޯވްއަކާއެކު މިނިވަންދުވަހުގެ ރޭ ބޭއްވި ހަވާއެރުވުމަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަލިބިފައި ވަނީ އެއް ވަގުތެއްގައި އެންމެ ގިނަ ސަރަހައްދުތަކެއްގައި އެންމެ ގިނައިން ހަވާ އެރުވުމުންނެވެ. މައި އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުގެ ޓީމުން ވަނީ މި ހާއްސަ ޝަރަފުގެ ލިޔުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީއާ ހަވާލުކޮށްފައެވެ. ގިނިސް ބުކްއޮފް ވޯލްޑް ރެކޯޑުގެ މިލިޔުމާ އެމްއޭސީއެލްގެ ފަރާތުން ހަވާލުވެވަޑައިގަތީ ޗެއާޕާސަން ނޫރެއިން ޖަނާހު އާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފުއެވެ. މި ރެކޯޑްގެ ލިޔުން އެކުންފުންޏަށް ހަވާލުކޮށްދެއްވީ އެޑްޖޫޑިކޭޓާ ފޯ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީއެވެ.

ކުރިން މި ރެކޯޑް އޮތީ ދުބާއީގައެވެ. ދުނިޔޭގައި ހަވާ އެރުވުގެ ގިނަ ރެކޯޑް ތަކެއް ލިބިފައިވާ ދުބާއީއިން މިރެކޯޑް ގާއިމްކޮށްފައިވަނީ ޖެނުއަރީ 2014 ގައެވެ. އެމްއޭސީއެލް އިން ބޭއްވި ހަވާއެރުވުން މާލެ ސަރަހައްދުގެ އެކި އޭރިއާތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން އެއްފަހަރާ އެއް ވަގުތެއްގައި 19 ސަރަހައްދެއްގައި މި ހަރަކާތް ބޭއްވި އެވެ.