މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ދިރާސާ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ”މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު“ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވެފައިވަނީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ޢަމަލުކުރާ ފަދައިން، މަރުގެ އަދަބު ހިމެނޭ ގޮތަށް ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އިޖްތިމާޢީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ.