ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުށަހެޅުއްވި ކަމަށް ނޫހަކުން ރިޕޯޓުކުރުމުން، އެ ޚަބަރު ޝެއަރކޮށް އެމަނިކުފާނަށް މަރުގެ އިންޒާރުދިން މީހެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މިހުށެހެޅުއްވުން ހާމަކުރެއްވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިކަމާ ގުޅިގެން ނޫހަކުން ރިޕޯޓުކުރި ޚަބަރެއް ސޯޝަލްމީޑިއާގައި ހިއްސާކޮށް، މަސީޙް މޫސާ ކިޔާ މީހަކު ވަނީ ރައީސަށް ހުތުރުބަހުން މުޚާތަބުކޮށް “ އެންމެ ފުރަތަމަ (ރައީސް) މަރާލަން ޖެހޭ“ކަމަށް ލިޔެފައެވެ.
މި ޕޯސްޓުގެ ސްކްރީންޝޮޓް ސޯޝަލްމީޑިއާގައި ދައުރުވަަމަނުން އެބަދެއެވެ. ނޫސްވެރިން އެ ސްކްރީންޝޮޓް ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގުރޫޕުގައި ހިއްސާކުރުމުން، އެ ޚިދުމަތުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ޑްރަގުގެ މައްސަލަތަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.
އެހެންކަމުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައި ވާކަމަށް އެ ޕޯސްޓުގައި ވެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
