ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައިގައި ތ. ތިމަރަފުށީ މަލަސް، މަސީހު މޫސާ (25 އަހަރު) ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މަސީހު ހައްޔަރުކުރުމަށްފަހު އޭނާގެ މޯބައިލް ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލައިގެ ތަހުގީގު މިހާރުދަނީ ކުރިއަށެވެ.

މި މައްސަލަ ތަހުގީގު ކުރެވެމުންދާއިރު، ފާހަގަކޮށްލެވޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފައްޓަވާފައިވުމެވެ. މިކަމާ ގުޅިގެން ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވަނީ އަންގަވާފައެވެ.