ރ. ދުވާފަރު ބަނދަރު ސަރަހައްދު — ފޮޓޯ: ރ. ވާދޫ ލައިވް
ރ. ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ – އެމްޓީސީސީއާ ހަވާލުކުރިތާ ދެ އަހަރާއި ހަ މަހަށްވުރެ ގިނަ ދުވަސް ފާއިތުވީ ނަމަވެސް ޢަމަލީ މަސައްކަތް ނުފެށޭކަން އެ ކުންފުނީގެ ވެބްސައިޓުގައިވާ މަޢުލޫމާތުތަކުން ހާމަވެއްޖެއެވެ.
އެމްޓީސީސީގެ ވެބްސައިޓުގައި ބުނެފައި ވަނީ، 25 ޖެނުއަރީ 2023ގައި ސޮއިކުރި މިމަޝްރޫޢުގެ މަސައްކަތް އަދި ނުފެށޭ ކަމަށެވެ. މިމަސައްކަތް ކުރުމަށް ސައިޓް މޮބަލައިޒް ނުކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ދުވާފަރުން ރ. ވާދޫ ލައިވްއަށް މައުލޫމާތު ހިއްސާކުރި ސައްހަ މަސްދަރުތަކުން ވެސް ވަނީ އެރަށު ބަނދަރުގެ މަސައްކަތް އެމްޓީސީސީއަކަށް އަދިވެސް ނުފެށޭކަން ކަށަވަރުކޮށްދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މިމަސައްކަތަށް ބޭނުންވާ އެއްވެސް އެއްޗެއްވެސް އެ ރަށަށް މިހާތަނަށް ނުގެންދެއެވެ.
25 ޖެނުއަރީ 2023ގައި އޭރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ބޭއްވި ރަސްމިއްޔާތުގައި ބ. ދަރަވަންދޫއާއި ރ. ދުވާފަރު ބަނދަރު މަރާމާތުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޭރުގެ ސީ.އީ.އޯ އާދަމް އާޒިމްއެވެ.
ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަށް 11.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ދުވާފަރުގައި މިހާރު އޮތް ބަނދަރަކީ 1200 ފޫޓް ދިގު 300 ފޫޓް ފުޅާ ބަނދަރެކެވެ.
އެރަށަކީ ރ. އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއްރަށެވެ. ހުރިހާ ބާވަތެއްގެ މަސްވެރިކަމެއް ކުރާ ބަޔަކު ދިރިއުޅޭ އެ ރަށު ބަނދަރު ކުޑަވުމުގެ ސަބަބުން އެތައް ގޮންޖެހުމަކާ ކުރިމަތިވަމުން އަންނަކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ކަންނެލި މަސްވެރިކަން ކުރާ އުޅަނދުތަކާ ފާނައިގެ މަސްވެރިކަން ކުރާ އުޅަނދުތައް ކޮންމެ ބުރާސްފަތި ދުވަހެއްގައި ރަށުގައި ބަނދަރު ކުރުމުން މުދާ އަރުވާ ބޭލުމަށް ބޮޑެތި ދަތިކާ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަކަމަށް ވެސް އެ ކައުންސިލުން ފާހަގަކުރެއެވެ.
ދުވާފަރު ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުގެ ދަށުން ބަނދަރުގައި ޖެޓީއެއް ތަަރައްޤީކޮށް ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަނދަރު ތަރައްޤީ ވެގެންދިއުމުން މުދާ އަރުވާ ބޭލުމަށް ވަކި ސަރަަހައްދެއް ކަނޑައަޅިގެން ދާނެއެވެ.
